ޖޫންމަހުގެ ކުރީކޮޅު އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓްކުރެވޭނެ – މިނިސްޓަރ
ޖޫންމަހުގެ ކުރީކޮޅު އަތޮޅުތަކުގައި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓަރ ޢަބްދު ﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާއި ގުޅިގެން ޕީ.އެސް.އެމް ނިއުސްއިން ކުރިއަށްގެންދާ ޚާއްސަ ކަވަރޭޖުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާ ދުވާލެއްގެ މައްޗަށް ބައްޔަށް ޓެސްޓްކުރެވޭ ނިސްބަތް މާލޭ ސިޓީން ކޯވިޑް-19އަށް ޓެސްޓްކުރުމުގެ ކެޕޭސިޓީ 1000 އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
އެގޮތުން އައި.ޖީ.އެމް.އެޗްގެ ޓެސްޓިންގ ކެޕޭސިޓީ މިހާރު ދުވާލެއްގެ މައްޗަށް 600 ގައި ހުރިއިރު، މިމަހުގެ ތެރޭގައި އެ ޢަދަދު 1000 އަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމް މިމަހުގެ ނިޔަލަށް ނުވަތަ މި ފެށޭ ޖޫންމަހުގެ ކުރީކޮޅު ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، ކޯވިޑް-19 މާލޭގައި ފުރަތަމަ ފެތުރިގެންދިޔަ ނިސްބަތާއި ބަލާފައި މިހާރުވެސް ޓެސްޓިންގ ކެޕޭސިޓީ ވަރަށް ބޮޑުތަން އިތުރުކުރެވިފައިވާކަމަށެވެ. އަދި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދަށާއި، ބަލި ފެތުރެމުންދާ ޓްރެންޑާއި އެއްގޮތަށް ޓެސްޓްކުރުމުގެ ކަންކަންވެސް ފުޅާކޮށް ހަރުދަނާކުރަމުންދާކަމަށް މިނިސްޓަރ އަމީން ވިދާޅުވެފައިވެއެވެ.
ރާއްޖެއިން މިހާތަނަށް 1274 މީހުންނަށް ވަނީ ކޯވިޑް ބަލި ޖެހިފައެވެ. މި ބަލީގައި މިހާރު 1164 މީހުން ފަރުވާ ހޯދަމުން އަންނައިރު މި ބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 109 އަށް އަރާފައެވެ.
