ޚަބަރު

ބާސާ ދޫކޮށްލަނީ އެހެންގޮތެއް ނެތިގެން – މެސީ

މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ބުނަމުންގެންދާ އުމުރުން އެންމެ 13  އަހަރުގައި ބާސާއަށް ފުޓްބޯޅަ ކުޅެންފެށި އާޖަންޓީނާގެ ކެޕްޓަން ލިއަނޮލް މެސީ އެހެން ގޮތެއް ނެތިގެން ބާސާ ދޫކޮށްލުމަށް ނިންމައި މިއަދު ބޭއްވުނު ވަދާއީ ޕްރެސް ކޮންފަރެންސް ވެގެން ގޮސްފައި ވަނީ ހިތާމަ އާއި ކަރުނައިގެ ޕްރެސްއަކަށެވެ.

މިއަދުގެ މި ތާރީޙި ޕްރެސްގައި މެސީ ބުނެފައިވަނީ އޭނާގެ އުމުރު ހޭދަކުރި ކުލަބް ދޫކޮށް ދިއުމަކީ ވަރަށް ހިތްދަތި ކަމެއް ކަމަށާއި މިގޮތަށް ކުލަބް ދޫކޮށްލުމަކީ އެއް އިރެއްގައިވެސް އޭނާ ބޭނުންވި ގޮތް ނޫންކަމަށެވެ.

މެސީގެ ތިންދަރިންނާއި އަންހެނުންގެ އިތުރުން ކުލަބުގެ ރައީސާއި ކުލަބުގެ ކުޅުންތެރިން ކުރިމަތީގައި ބައިތިއްބައިގެން ކުރިއަށް ގެންދިޔަ މި  ޕްރެސްފެށި އިރުވެސް މެސީ ހުރީ ގިސްލަ ގިސްލާ ރޯށެވެ.

“އަހަރެން މި ކުލަބުގައި މަޑުކުރަން ކުރެވެން އޮތްހާ ކަމެއް ކުރިން، އެކަން ކުލަބުގެ ރައީސަށްވެސް އެނގޭނެ، އެކަމަކު އެއްވެސް ގޮތެއް އަހަންނަށް ނުފެނުނު، ކުލަބާއި ވަކިވުން ނޫން އިތުރު ގޮތެއް އަހަންނަށް ނުފެނުނު” މެސީ ބުންޏެވެ.

މެސީގެ މި ވަދާއި ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން ވާހަކަދައްކަމުން އޭނާ ވަނީ މިހާ ކުއްލިގޮތަކަށް އޭނާގެ މުޅި ހަޔާތް ހޭދަކުރި ކުލަބް ދޫކޮށްދާން ޖެހުމަކީ ވަރަށް ދެރަވާ ކަމެއް ކަމަށާއި އަދިވެސް އުއްމީދުކުރަނީ މުސްތަގްބަލުގައި ކޮންމެވެސް އެއްގޮތަކަށް ބާސެލޯނާއަށް ހިދުމަތްތަކެއް ކޮށްދިނުން ކަމަށެވެ. މިގޮތުން މެސީވަނީ އޭނާގެ ހިތުގައި ބާސާއަށް އޮތް ލޯތްބާއި ކުލުނު ހާމަކޮށްދީފައެވެ.

ބާސާއަށްޓަކައި މެސީވަނީ ވަރަށް ބޮޑު މުހިއްމު ނިންމުމެއް ނިންމާ ބޮޑު ޤުރުބާނީއެއް ވެފައެވެ. މިހާތަނަށް ބާސާއިން އޭނާއަށް ދެމުން ގެންދިޔަ ބޮޑު މުސާރައިގެ ބަދަލުގައި އޭގެ ދެބައިކުޅަ އެއްބައި ނުވަތަ މުސާރައިގެ 50% އިންސައްތަ ލިބޭގޮތަށް ކުލަބުގައި މަޑުކުރުމަށް ނިންމާފައެވެ.

މިއަދުގެ ޕްރެސްގައި މެސީ ބުނި ގޮތުގައި އޭނާ ކޮޕާ އެމެރިކާގައި ވާދަކުރުމުގެ ކުރިން އެއްބަސްވުމުގެ ހުރިހާ ކަމެއްވެސް ހުރީ ނިމިފައި ކަމަށާއި ނިންމައިގެން ހުރީ ބާސެލޯނާއާއެކު އިތުރު އަހަރުތަކެއް ކުޅުމަށް ކަމަށެވެ.  ނަމަވެސް މަންޒަރު ބަދަލުވީ އެއްބަސްވުމުގައި ސޮއިކުރަން އޮތް ދުވަހު ކުރިމަތިވި ކަންކަމާޢި ގުޅިގެން ކަމަށާއި ލަލީގާގެ ގަވާއިދު އޮތް ގޮތުން ކުލަބުގައި އިތުރަށް ނުހުރެވޭނެ ކަމަށެވެ.

ދުނިޔޭގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެސީ ދެން ގުޅޭނީ ދުނިޔޭގެ އެންމެ މުއްސަދި އެއްކުލަބު ކަމަށްވާ  ފްރާންސްގެ ޕީއެސްޖީއާއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close