ލަންކާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންނެވީ މިމަހުގެ 14ވަނަ ދުވަހުއެވެ. މިއީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން އަވަށްޓެރި ސްރީލަންކާއަށް ކުރައްވާ ދެވަނަ ދުތުރުފުޅެވެ.
އެމަނިކުފާނު މިދަތުރުފުޅު އީދުބަންދުގެ ފަހަށް ފަސްކުރެއްވީ ރާއްޖޭގެ ވޮލީޓީމާއި، ސްރީލަންކާގެ ވޮލީޓީމް ކުޅުނު އެކުވެރިކަމުގެ ވޮލީމެޗް ބަލައްވާލެއްވުމަށެވެ.
ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ގައުމުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. ރައީސް ވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާވެސް އެ ދަތުުރުފުޅުގައި ބައްދަލުކުރައްވާފައެވެ.
ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު އެ ގައުމަކީ އަމާން ގައުމެއްކަން ހާމަކޮށްދިނުމުގެ ގޮތުން ރައީސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ލަންކާ އަށް ރަސްމީ ދަތުރެއް ކުރައްވާފައެވެ. އެ ދަތުރުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

