ޕްރިމިއާ ލީގު: ޗެލްސީ ބަލިވެ ތާވަލުގެ އަށްވަނައަށް، ނިއުކާސަލް އިން ފަހު ވަގުތު މޮޅެއް ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެ، ޗެލްސީ ތާވަލުގެ އަށްވަނަ މަގާމަށް ވެއްޓިއްޖެ އެވެ.
މެޗުގެ ކުރީކޮޅު މާކް ކުކުރެޔާއަށް ދެއްކި ރަތް ކާޑާއެކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޗެލްސީ ބަލިވީ، ފުލަމްގެ ރައުލް ޖިމިނޭޒް އާއި ހެރީ ވިލްސަން ޖެހި ލަނޑުތަކުންނެވެ. ޗެލްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ލިއާމް ޑެލަޕް އެވެ. މި މެޗަށް ފަހު ޗެލްސީގެ އާ ކޯޗު ލިއާމް ރޮޒީނިއާ ޓީމާ ހަވާލުވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެފްއޭ ކަޕްގަ އެވެ.
ލީގުގައި ރޭ ކުޅުނު ފޯރިގަދަ އަނެއް މެޗުގައި ނިއުކާސަލް ޔުނައިޓެޑުން ވަނީ 4-3 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ހަވަނަ މަގާމަށް ޖެހިލާފަ އެވެ. މި މެޗުގައި ލީޑްސް އިން ތިން ފަހަރު ލީޑު ނަގާފައި ވަނިކޮށް، ނިއުކާސަލް އިން ވަނީ ފަހަތުން އަރައި މެޗު ކާމިޔާބުކޮށްފަ އެވެ. ނިއުކާސަލް މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި ހާވޭ ބާރންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގައި ނިއުކާސަލްގެ ބާރންސް ދެ ލަނޑު ޖެހިއިރު، ޖޮއެލިންޓަން އާއި ބްރޫނޯ ގުއިމަރޭސް ވެސް ވަނީ ލަނޑު ޖަހާފަ އެވެ. ލީޑްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ބްރެންޑާން އާރޮންސަން އާއި ޑޮމިނިކް ކެލްވަޓް ލެވިން އެވެ.
މި ނަތީޖާއާއެކު ނިއުކާސަލް އަށް 32 ޕޮއިންޓް ލިބިފައިވާއިރު، ލީޑްސް އޮތީ 22 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގަ އެވެ.


