ވަރުގަދަ ޓީމުތައް މޮޅަކުން ފަށައިފި
އިންގްލިޝް ޕްރިމިއާރ ލީގު ފެށުމުގެ ގޮތުން އާސެނަލް އާއި ބްރެންޓް ފޮޑް ބައްދަލުކުރި މެޗުން އާސެނަލް ބަލިވިނަމަވެސް މި ލީގުގައި ނަން މަޝްޙޫރު ޓީމްތައްކަމަށްވާ ޗެލްސީ، ލިވަޕޫލް، މެންޗެސްޓާރ ޔުނައިޓެޑް ފަދަ ޓީމުތައް މިފަހަރުގެ ލީގުގައި ކުޅުނު މެޗުތަކުން ވަނީ މޮޅުވެފައެވެ.
މިގޮތުން ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި އެޓީމުގެ އަމިއްލަ ދަނޑުގައި 3-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. ޗެލްސީއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ މާކޯސް އަލޮންސޯ އާއި ކްރިސްޓިއަން ޕުލިސިކް އާއި ޒުވާން ޑިފެންޑަރު ޓްރެވާ ޗަލޯބާ އެވެ.
ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗުގައި ނޯވިޗް ސިޓީ އާއި ބައްދަލުކޮށް އެޓީމުން ކާމިޔާބު ކޮށްފައިވަނީ 3-0 ން ލަނޑުންނެވެ. ލިވަޕޫލުގެ ލަނޑުތައް ކާމިޔާބު ކޮށްފައިވަނީ ޑިއޮގޯ ޖޮޓާ އާއި، ފިރްމީނޯ އާއި އަދި މި މެޗުގައި ލަނޑެއް ޖަހައި ވޭތުވެދިޔަ ފަސް ސީޒަނުގައިވެސް މުބާރާތް ހުޅުވަން ކުޅުނު މެޗުގައި ލިވަޕޫލަށް ލަނޑު ޖަހައި ދިނުމުގެ ރެކޯޑު ޤާއިމުކުރި މުޙައްމަދު ސަލާއެވެ.
މިހާތަނަށް އެންމެ ވަރުގަދައަށް އެންމެ ގިނަ ލަނދުތަކެއް ޖަހައިގެން މިފަހަރުގެ ސީޒަން ފަށާފައި މިވަނީ މެންޗެސްޓާރ ޔުނައިޓެޑް އިންނެވެ. މިގޮތުން މެންޔޫއިން ވަނީ ލީޑްސް ޔުނައިޓެޑް އަތުން 1-5 ން މޮޅުވެފައެވެ. މިމެޗުގައި އެޓީމުގެ ތަރި ބްރޫނޯ ފެނާންޑޭސް ވަނީ 3 ލަނޑު ޖަހާ މި ސީޒަންގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ. ދެން އެޓީމަށް ލަނޑުތައް ކާމިޔާބުކޮށް ދީފައިވަނީ ފްރެޑް އާއި މޭސަން ގްރީންވުޑް އެވެ. ލީޑްސްގެ ހަމައެކަނި ގޯލު ޖެހީ ލޫކް އެއިލިން އެވެ.
އިންގުލިސް ޕްރެމިއަރ ލީގުގައި މިރޭ ބޮޑު މެޗެއްގެ ގޮތުގައި އޮންނާނީ ވޭތުވެދިޔަ ސީޒަންގެ ޗެމްޕިއަން މެންޗެސްޓާރ ސިޓީ އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗެވެ. މިމެޗު ފަށާނީ ރާއްޖޭ ގަޑިން 20.30 އެވެ.



