ޚަބަރު

134 ފުޅި ބަނގުރަލާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި އިއްޔެ ހެނދުނު ހިންގި އޮޕަރޭޝަނެއްގައި، 31 އަހަރުގެ ބަންގަލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ ޖަވެލް ހޮސެން ދުއްވަމުން ދިޔަ ވޭނަކުން 134 ފުޅި ބަނގުރާ ފެނިގެން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. މިއީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރި ވޭނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ

ފުލުހުން ބުނީ އިއްޔެ ހެނދުނު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު، ހުޅުމާލޭ ބަނދަރު ސަރަހައްދުން ތުހުމަތުކުރެވިގެން އެމްޑީ ޖަވެލް ހޮސެން ދުއްވި ވޭން ހުއްޓުވައި ބަލައިފާސްކުރި ކަމަށެވެ. އެގޮތުން ވޭނުގެ ތެރެއިން 134 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ބަނގުރާ ވިޔަފާރީގެ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އެމްޑީ ޖަވެލް ހޮސެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިފަދަ ބަނގުރަލާ ގުޅޭ މައްސަލަތަކުގައި ބިދޭސީން ހައްޔަރުކުރި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ ހޯމަ ދުވަހު ވެސް މާލޭގައި ބަނގުރާ އުފައްދައިގެން ވިއްކާ ކަމުގެ ތުހުމަތުގައި ފަސް ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރަން ހިންގި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކަކާއި ބަނގުރާ އުފައްދަން ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ. ހައްޔަރުކުރި ފަސް މީހުން ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.

މިފަދަ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކޮށް، ފުލުހުން ވަނީ ބަނގުރަލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން އިތުރުކުރާނެ ކަމަށް ބުނެފައެވެ. މާލެ ސަރަހައްދުގައި ބިދޭސީން ބަނގުރާ ވިއްކައި އުފައްދާ ކަމުގެ ގިނަ ރިޕޯޓުތަކެއް ވަނީ ފުލުހުންނަށް ލިބިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close