މިއަދުވެސް ޣައްޒާއަށް އެތައް ހަމަލާތަކެއް

އިޒްރޭލުގެ ޔަހޫދީ ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ ބަޔަކު ޒަހަމްކޮށްލައިފިއެވެ. އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ކޮންމެ ދުވަހަކުވެސް ހިލާފުވަމުންދާއިރު، އިޒްރޭލުން ދަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ގަތުލުއާންމު ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް، ވައިގެ މަގުންނާއި އެއްގަމު މަގުން އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ “ވަފާ” އާ ހަވާލާދީ މެޑިކަލް މަސްދަރުތަކުން ބުނާ ގޮތުގައި، ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ޒައިތޫން އަވަށަށް އިޒްރޭލުގެ ޑްރޯންތަކުން ދިން ހަމަލާތަކުގައި އާންމުންގެ ބަޔަކު ވަނީ ޒަހަމްވެފައެވެ. މީގެ އިތުރުން، ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ހުޅަނގުން އަލް-މަވާސީ ސަރަހައްދުގައި އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި، ކުޑަ އަންހެން ކުއްޖަކާއެކު ދެ މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިޒްރޭލު ސިފައިން ފޭބުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުންވެސް މީހުން ޒަހަމްވިކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ޣައްޒާ ސިޓީގެ އިރުމަތީގައި ހުންނަ އަލް-އަހްލީ އަރަބް ހޮސްޕިޓަލުގެ މެޑިކަލް ސްޓާފުން ބުނި ގޮތުގައި، ސިޓީގެ ދެކުނުގައި އޮންނަ ނެޓްޒާރިމް ކައިރިން އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ވަނީ ޒަހަމްވެފައެވެ. އަނަޑޯލޫ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން މީހުން ބުނި ގޮތުގައި އެ މީހުންނަށް ހަމަލާދީފައިވަނީ އިޒްރޭލުގެ ޑްރޯނަކުންނެވެ.
ނާސިރު މެޑިކަލް ކޮމްޕްލެކްސްއިން ކަށަވަރުކޮށްދިން ގޮތުގައި، އަލް-މަވާސީގައި އިޒްރޭލުން ދިން ހަމަލާތަކުގައި އިތުރު ދެ މީހަކު ވަނީ ޒަހަމްވެފައެވެ. އަދި ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް-އަޤްޞާ މާޓީއާސް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި ގޮތުގައި، ދައިރުލް ބަލާހްގައި އިޒްރޭލު ސިފައިން ފަލަސްތީނުގެ ފިރިހެނެއްގެ ބޮލަށް ބަޑިޖަހާފައިވާއިރު، އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ޑޮކްޓަރުން ބުނެއެވެ.
މީގެ އިތުރުން، އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހްގެ ބައެއް އިމާރާތްތަކަށް ވައިގެ ހަމަލާތައް ދީފައެވެ. އަދި އުތުރުގައި އޮންނަ ޖަބަލިއާގެ އިރުމަތީ ސަރަހައްދުތަކަށާއި ޣައްޒާ ސިޓީގެ ތުއްފާހް އަވަށަށް އިޒްރޭލުގެ އާޓިލަރީން ދަނީ ބޯކޮށް ހަމަލާދެމުންނެވެ.

