ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހޯމަ ދުވަހު މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނުގައި މާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ދިވެހި ފފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި، ވަލުތެރޭގެ، މުޙައްމަދު އީވާން ޙާމިދު (23އ) އާއި މާލެ، ހ. ސަކީނާމަންޒިލް، މުޙައްމަދު ރާޢިދު ޢަލީ އަޞްޣަރު (31އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިގެން ހިންގި މިއޮޕަރޭޝަނުގެ ތެރެއިންކަމަށް ފުލުހުން ބުންޏެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުންގެ ބަންދަށްވެސް ހަތް ދުވަހުގެ މުއްދަތެއް ދީފައިކަމަށާއި ، އަދި މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

