ސެމެންޔޯ 65 މިލިއަން ޕައުންޑަށް މެންޗެސްޓާ ސިޓީއަށް ބަދަލުވަނީ

ބޯންމައުތަށް ކުޅެމުން އަންނަ ގާނާގެ ހުނަރުވެރި ފޯވާޑް އެންޓޮއިން ސެމެންޔޯ، 65 މިލިއަން ޕައުންޑުގެ ރިލީޒް ކްލޯޒެއްގެ ދަށުން މެންޗެސްޓާ ސިޓީއަށް ބަދަލުވުމަށް އެއްބަސްވެއްޖެއެވެ. މި ޓްރާންސްފާގެ ކަންކަން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ދެ ކްލަބުން މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.
މިރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު ސެމެންޔޯ ސިޓީގެ މެޑިކަލް ޓެސްޓުތައް ފުރިހަމަކުރާނެއެވެ. އިނގިރޭސިވިލާތުގެ ބޮޑެތި ގިނަ ކްލަބްތަކަކުން އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ރަސްމީކޮށް ބޯންމައުތާ މުއާމަލާތް ކުރީ ހަމައެކަނި ސިޓީންނެވެ. ބޯންމައުތުގެ ކޯޗު އެންޑޯނީ އިރައޯލާ ބުނިގޮތުގައި، މިރޭގެ މެޗަކީ ސެމެންޔޯ އެ ކްލަބުގެ ޖާޒީގައި ފެންނާނެ ފަހު މެޗަށް ވުމީ ވަރަށް ގާތް ކަމެކެވެ.
މި ސީޒަނުގައި މިހާތަނަށް ނުވަ ލަނޑު ޖަހައިދީފައިވާ ސެމެންޔޯއަކީ އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިންތަކެއް ގެއްލިފައިވާ ސިޓީގެ ސްކޮޑަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އޭނާ ސިޓީއަށް ގެންނަން ނިންމީ އެ ޓީމުގެ ފޯވާޑްލައިން އިތުރަށް ވަރުގަދަކޮށް، ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ތަނަވަސްކުރުމުގެ މަގުސަދުގައިކަމަށް އެޓީމުން ވަނީ ބުނެފައެވެ.


