ސެނެގާލާއި މާލީ އެފްކޮންގެ ކުއާޓާ ފައިނަލަށް

މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގަދަ 16 ބުރުގެ މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަތައް ސެނެގާލާއި މާލީން ކަށަވަރުކޮށްފިއެވެ.
ރޭ ކުޅުނު މެޗުގައި ސެނެގާލުން ވަނީ 3-1 ގެ ނަތީޖާއަކުން ސޫދާން ބަލިކޮށްފައެވެ. ސެނެގާލްގެ ލަނޑުތައް ޕާޕޭ އަލެސާނޭ ގޭއި އަދި އިބްރާހިމް އެމްބާއޭ ކާމިޔާބުކޮށްދިންއިރު، ސޫދާންގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަބްދުﷲ ޔޫނުސްއެވެ.
މާލީ ކުއާޓާ ފައިނަލަށް ދަތުރުކުރީ ޓިއުނީޝިއާއާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-2 އިން ކުރިހޯދައިގެންނެވެ. ޓިއުނީޝިއާގެ ފިރާސް ޗައުއާ ލީޑު ނަގާފައިވަނިކޮށް، މާލީއަށް އެއްވަރުކޮށްދިނީ މެޗުގެ ފަހުވަގުތު ލިބުނު ޕެނަލްޓީއަކުން ލަސީން ސިނަޔޯކޯއެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި މާލީން ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކުރިއިރު، ޓިއުނީޝިއާއަށް ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީއެވެ.
މުބާރާތުގެ ގަދަ 16 ބުރުގައި ބާކީ ހުރި މެޗުތަކަށް ބަލާއިރު، މިސްރުން ބެނިންއާ ބައްދަލުކުރާނެއެވެ. އަދި އައިވަރީ ކޯސްޓާއި ބުރްކީނާ ފާސޯ، ދެކުނު އެފްރިކާ އާއި ކެމަރޫން، މޮރޮކޯ އާއި ޓެންޒާނިއާ، އަލްޖީރިއާ އާއި ކޮންގޯގެ އިތުރުން ނައިޖީރިއާ އާއި މޮޒަމްބީކް ބައްދަލުކުރާ ފޯރިގަދަ މެޗުތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުޅެވޭނެއެވެ.





