ކުޅިވަރު

އާސެނަލް ބަލިކޮށް ޔުނައިޓެޑުން ތަފާތު ދައްކައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްގެ މައްޗަށް މެންޗެސްޓާ ޔުނައިޓެޑުން 3-2 އިން ކުރިހޯދައިފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑަށް ލަނޑުތައް ޖަހައިދިނީ ބްރަޔަން އެމްބުއޭމާ އާއި ޕެޓްރިކް ޑޯގޫގެ އިތުރުން މެޗުގެ ފަހުވަގުތު މޮޅުވި ލަނޑު ކާމިޔާބުކުރި މަތެއަސް ކުންޏާއެވެ. ވަގުތީ ކޯޗު މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން މިދިޔަ ހަފުތާގައި މެންޗެސްޓާ ސިޓީވެސް ބަލިކޮށްފައިވާ އިރު، ރޭގެ މޮޅާއެކު އެޓީމު މިހާރު އޮތީ 38 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކުރުމަށް އާސެނަލަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. އާސެނަލުން ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގި ނަމަވެސް، އަމިއްލަ ގޯސްތަކުގެ ސަބަބުން ޔުނައިޓެޑަށް މެޗުގެ ތެރެއަށް ވަނުމަށް ފުރުސަތު ލިބުނެވެ. މި ބައްޔާއެކު އެއްވަނައިގައި އޮތް އާސެނަލާއި ދެވަނައިގައި އޮތް ސިޓީއާ ދެމެދު އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފައެވެ. މެޗުގައި އާސެނަލްގެ ލަނޑުތައް ފެނިގެންދިޔައީ ލިސާންޑްރޯ މާޓިނޭޒް އަތުން ބައިކޮޅަށް ވަން ލަނޑަކުންނާއި މެޗުގެ ފަހުކޮޅު އެޓީމުން ޖެހި ލަނޑަކުންނެވެ.

ޗެލްސީން ވަނީ އާ ކޯޗު ލިއަން ރޮސެނިއާއާއެކު ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާ ރޭވެސް ކުރިއަށް ގެންގޮސްފައެވެ. ކްރިސްޓަލް ޕެލެސްގެ ދަނޑުގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެޓީމުގެ ލަނޑުތައް ޖަހައިދިނީ ވިލިއަމް އެސްޓެވާއޯ އާއި ޖުއާއޯ ޕެޑްރޯގެ އިތުރުން ޕެނަލްޓީއަކުން އެންޒޯ ފެނާންޑޭޒްއެވެ. މި މޮޅާއެކު 37 ޕޮއިންޓާއެކު ޗެލްސީ ތާވަލުގެ ފަސްވަނައިގައި އޮތްއިރު، ހަތަރުވަނައިގައި އޮތް ޔުނައިޓެޑާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close