އާސެނަލް މޮޅުވެ އަލުން ތާވަލުގެ އެއްވަނަ މަގާމަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އަދި މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ. މި ނަތީޖާތަކާއެކު، އާސެނަލް ވަނީ ލީގުގެ ތާވަލުގެ އެއްވަނަ މަގާމް އަލުން ހޯދާފައެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ބްރައިޓަންއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު 14 ވަނަ މިނިޓުގައި މާޓިން އޮޑެގާޑް ޖެހިއިރު، ދެވަނަ ލަނޑަކީ 52 ވަނަ މިނިޓުގައި ބްރައިޓަންގެ ޖިއޮޖީނިއޯ ރަޓަރ އަތުން ބައިކޮޅަށް ވަންގޯލެކެވެ. ބްރައިޓަންގެ ހަމައެކަނި ލަނޑު 64 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޑިއެގޯ ގޯމޭޒް އެވެ.
އަނެއްކޮޅުން މެންޗެސްޓާ ސިޓީން ވަނީ ނޮޓިންހަމް ފޮރެސްޓްގެ ސިޓީ ގްރައުންޑްގައި އެ ޓީމު 2-1 އިން ބަލިކޮށްފައެވެ. ސިޓީގެ ތިޖާނީ ރޭންޑާރސް 52 ވަނަ މިނިޓުގައި ލީޑު ނެގިއިރު، 54 ވަނަ މިނިޓުގައި ފޮރެސްޓްގެ އޮމާރީ ހަޗިންސަން ނަތީޖާ އެއްވަރުކުރިއެވެ. ސިޓީ މޮޅުވި ލަނޑު މެޗު ނިމެން 7 މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ރަޔާން ޗާރކީ އެވެ.
މި ނަތީޖާތަކަށްފަހު، ޕްރިމިއާ ލީގުގެ އެއް ވަނައިގައި އާސެނަލް އޮތީ 18 މެޗުން 42 ޕޮއިންޓާއެކުގައެވެ. ދެ ވަނައިގައި ސިޓީ އޮތީ 18 މެޗުން 40 ޕޮއިންޓާއެކުގައެވެ. ބްރައިޓަން 18 މެޗުން 24 ޕޮއިންޓާއެކު 12 ވަނައިގައި އޮތްއިރު، ފޮރެސްޓް އޮތީ 18 މެޗުން 18 ޕޮއިންޓާއެކު 17 ވަނައިގައެވެ.



