ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ 77 އިންސައްތަ މަސައްކަތް ނިމިއްޖެ

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން މިހާތަނަށް 49 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
މިއީ މުޅި މަޝްރޫޢުގެ 77.78 އިންސައްތަ މަސައްކަތް ކަމަށްވާއިރު، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުންކަމަށް އެކުންފުނިން ބުންޏެވެ.
މި މަސައްކަތް އަވަސްކުރުމަށްޓަކައި އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގޭވަރުގެ ދެ ބޮޑު ޑްރެޖަރު ބޭނުންކުރަމުންދާއިރު، ބިން ހިއްކުމުގެ މަސައްކަތް މި މަހުގެ 20 އަށް ނިންމާލެވޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ވިދާޅުވެފައެވެ. މި ސަރަޙައްދުން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު 698 ފަރާތެއްގެ ގުރުއަތުލުންވެސް މިހާރު ވަނީ ނިންމާލާފައެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން، މިހާރު ބޭނުންކުރާ ބޮޑެތި ޑްރެޖަރުތައް ދެން ބޭނުންކުރާނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތަށެވެ. މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުން ދަނީ ރަސްމާލެ، ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ ބޮޑެތި މަޝްރޫޢުތައްވެސް ބާރުސްޕީޑުގައި ކުރިއަށް ގެންދަވަމުންނެވެ.


