ވާނުވާ ޖެހުން ނިމުމަކަށް ގެންނާނެ ކަމަށްވެސް ބުނި، އެކަންވެސް ދިޔައީ ވާނުވާއަށް – ޢަލީ ވަޙީދު
ވާނުވާ ޖެހުން ނިމުމަކަށް ގެންނާނެކަމަށްވެސް ބުނިކަމަށާއި އެކަންވެސް ދިޔައީ ވާނުވާއަށް ކަމަށް ބުނެ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން ޢަލީ ވަޙީދު ބުނެފައިވަނީ ދަޢުލަތުގެ އިޙުމާލުން ޗޮކުންލައިގެންދާ ކޮންމެކަމެއް ޕީޖީ ޝަމީމު އަޅުވަން މަސައްކަތް ކުރަނީ ފަނޑިޔާރުންގެ ބޮލުގައި ކަމަށެވެ. އަދި ފަނޑިޔާރުންނަށް ޢަދުލުވެރިކަމާއެކު މަސައްކަތް ކުރެވޭނީ ސިޔާސީ މީހުން ޖޭ.އެސް.ސީ އިން ބޭރުވީމާ ކަމަށްވެސް ޢަލީ ވަޙީދު ބުނެފައިވެއެވެ.
ޢަލީ ވަޙީދު މިފަދައިން ބުނެފައިވަނީ މިއަދު ކުރި ޓްވިޓެއްގައެވެ.
ޢަލީ ވަޙީދުވަނީ ޕީޖީ ޝަމީމް ކަޅު ދަބަހެއްގައި ގެންދިޔަ ތަކެއްޗަކީ ކޮބައިކަން ހަފްތާއެއްގެ ތެރޭ ހާމަކުރައްވާނެކަމަށްވެސް ބުނެފައެވެ.
ޢަލީ ވަޙީދުގެ މައްޗަށް ދަޢުލަތުން ޖިންސީ ފުރައްސާރައިގެ 6 ދަޢުވާއެއް އުފުލާފައިވާއިރު، މި ދަޢުވާތަކަށް އޭނާ އިންކާރުކުރާއިރު އޭނާ ބުނެފައިވަނީ އެއީ ފްރޭމް ކުރުމެއްކަމަށެވެ. އަދި ޖުމުހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްވެސް ވިދާޅުވެފައިވަނީ އެބޭފުޅާއަށް ބޮޑަށް ލަފާކުރެވެނީ ޢަލީ ވަޙީދު ފްރޭމް ކޮށްފައި ހުރިކަމަށެވެ.
މިހާރުގެ ޕީޖީ ގިނަ ކަންކަމުގައި ޢަމަލުކުރަމުންދާގޮތުން ގިނަބައެއްގެ ފާޑުކިޔުމާއި ނުރުހުންދަނީ ޕީޖީ އަށް އަމާޒުވަމުންނެވެ.

