ޚަބަރު

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޑްރެޖަރާއި އެކު ރަސްމާލެ ހިއްކުން 3 ގުނަ ކުރިއަށް ޖައްސައިފި

ކ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ‘ރަސްމާލެ’ ހިއްކުމުގެ މަސައްކަތް، ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ‘ކްރިސްޓަބެލް ކޮލޯން’ ބޭނުންކޮށްގެން ތިން ގުނަ ހަލުވިކޮށް ފަށައިފިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ރަސްމާލެ ހިއްކުމަށް ގެނެސްފައިވާ ކަމަށެވެ. ރަސްމާލެއަކީ 100 ޕަސެންޓު ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ތަނެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ކްލައިމެޓް އެޑޭޕްޓޭޝަން މަޝްރޫއަށް ވާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ރަސްމާލޭ މަސައްކަތް ނިންމުމަށް ރައީސް ކަނޑައެޅުއްވި މުއްދަތަށް މަސައްކަތް ނުނިމުމުން ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އުމްރާނީ މަޝްރޫއުކަމަށްވާ ރަސްމާލެ ހިއްކަން ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، މުއްދަތު ފަހަނަ އަޅައި ދިޔައިރު ނިމުނީ މަސައްކަތުގެ ވަރަށް ކުޑަ މިންވަރެކެވެ.

މި ބޮޑު ޑްރެޖަރާ އެކު މަސައްކަތް ތިންގުނަ ހަލުވިކުރެވިފައިވާތީ، އަންނަ މާޗު ނުވަތަ އޭޕްރީލް މަހާ ހަމައަށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ހިއްކަން ޖެހޭ ހުރިހާ ބިމެއް ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. މި މަސައްކަތް ހަލުވިކުރުމަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close