ރައްޔިތުންނާއި ގާތުން ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ 8 ދުވަހުގެ ދަތުރުފުޅެއްގައި 4 އަތޮޅަކަށް

ރައްޔިތުންނާއި ގާތުން ބައްދަލުކުރެއްވުމުގެ މުހިންމު ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ، އެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. މީގެއިތުރުން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. މި އަށް ދުވަހުގެ ދަތުރުފުޅުގައި، މަތީގައި މި ބަޔާންކުރެވުނު ހަތަރު އަތޮޅުގެ ޖުމްލަ 31 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ޒިޔާރަތްކުރައްވާ ރަށްތަކުގެ ތެރޭގައި ފެލިދެއަތޮޅުގެ ފުލިދޫ، ތިނަދޫ، ފެލިދޫ، ކެޔޮދޫ އަދި ރަކީދޫ ހިމެނެއެވެ. މީގެއިތުރުން، ނިލަންދެއަތޮޅު އުތުރުބުރީގެ ފީއަލި، ބިލެތްދޫ، މަގޫދޫ، ދަރަނބޫދޫ، ނިލަންދޫއާއި، މުލަކަތޮޅުގެ ދިއްގަރު، މަޑުއްވަރި، ރަތްމަންދޫ، ވޭވަށް، މުލައް، ކޮޅުފުށި، ނާލާފުށި، އަދި މުލިވެސް ހިމެނެއެވެ. ކޮޅުމަޑުލުން ބުރުނި، ވިލުފުށި، މަޑިފުށި، ދިޔަމިގިލި، ގުރައިދޫ، ކަނޑޫދޫ، ވަންދޫ، ހިރިލަންދޫ، ގާދިއްފުށި، ތިމަރަފުށި، ވޭމަންޑޫ، ކިނބިދޫ އަދި އޮމަދޫ އަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުން ވިދާޅޅުވީ ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
