ބޭރުދުނިޔެ

އިސްރާއީލާ ދެކޮޅަށް މުޅިއިސްލާމީ އުންމަތް ތެދުވަންޖެހޭ: ގަތަރުގެ އަމީރު

އިސްރާއީލާ ދެކޮޅަށް މުޅިއިސްލާމީ އުންމަތް ތެދުވަންޖެހޭކަމަށް ގަތަރުގެ އަމީރު ވިދާޅުވެއްޖެއެވެ.

ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އާލް ޘާނީ އިސްރާއީލުގެ ޙަމަލާތަކާ ދެކޮޅަށް ތެދުވެވަޑައިގަންނަވާނެ ކަމަށް ވައުދުވެވަޑައިގެން އިސްރާއީލަށް އިންޒާރު ދެއްވީ ޢަރަބި ލީގާއި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ ކުއްލި ސަމިޓްގައި ދެއްވި އިފްތިތާޙީ ބަސްފުޅުގައެވެ.

މިދިޔަ ހަފްތާގައި އިސްރާއީލުން ދޯހާއަށް ދިން ޙަމަލާއަކީ “ނިރުބަވެރި، ޣައްދާރު އަދި ބިރުގެންނެވުމުގެ ފިނޑި އަމަލެއް” ކަމަށް ސިފަކުރައްވައި އަމީރު ވަރަށް ބޮޑަށް އެ ހަމަލާ ކުށްވެރި ކުރެއްވިއެވެ.

ޝެއިޚް ތަމީމް ވިދާޅުވީ، ޙަމާސްގެ ލީޑަރުންނާއި އެމީހުންގެ ވަފުދުގެ ޢާއިލާތައް ދިރިއުޅޭ ތަނަކަށް އަމާޒުކޮށް ސެޕްޓެމްބަރު 9 ގައި ދިން މި ޙަމަލާގައި ހަ މީހުން ޝަހީދުވެފައިވާ ކަމަށާއި، މި ޙަމަލާއަކީ ޤަތަރުގެ ރައްޔިތުންނަށް ހައިރާންކަމެއް ލިބުނު ކަމެއް ކަމަށެވެ. މުޅި ދުނިޔެއަށް ވެސް މި ޙަމަލާގެ ސަބަބުން ޝޮކެއް ލިބުނު ކަމަށާއި، ޤަތަރުގެ ސަރަޙައްދީ ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި، އިސްރާއީލުގެ ޙަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް އަމީރު ވައުދުވެވަޑައިގަތެވެ.

ދޯހާއަކީ އެމެރިކާއާ ގާތް ގުޅުމެއް ބާއްވާ ޤައުމެކެވެ. އަދި މި ސަރަޙައްދުގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ވެސް ހުންނަނީ ދޯހާގައެވެ. މި ޙަމަލާއަކީ ޓެރަރިޒަމް ކަމަށް ޤަތަރުން ސިފަކޮށްފައިވެއެވެ. މި ޙަމަލާ އަމާޒުކުރީ އެމެރިކާގެ އެހީގައި ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ޙަމާސްގެ ލީޑަރުން އެއްވެތިބި ތަނަކަށެވެ. ޙަމާސްއިން ބުނެފައިވަނީ މިހަމަލާއިން ހަމާސްގެ އިސް ލީޑަރުންނަށް ސަލާމަތްވެވުނު ކަމަށެވެ.

ޝެއިޚް ތަމީމް ވިދާޅުވީ، އިސްރާއީލުގެ ޢަމަލުތަކުން ދައްކައިދެނީ އެ ޤައުމަށް ސުލްޙައަށް އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށެވެ. އަދި އިސްރާއީލުން މަސައްކަތް ކުރަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތައް ހުއްޓުވުމަށް ކަމަށް ވެސް ވިދާޅުވިއެވެ. މި ހަނގުރާމައިގައި މިހާތަނަށް ފަލަސްޠީނުގެ 64,800 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވެއެވެ.

ޝެއިޚް ތަމީމް އިސްރާއީލަށް ތުހުމަތު ކުރެއްވީ ޣައްޒާ ނައްތާލުމަށް އަމާޒުކޮށް ހަނގުރާމައެއް ކުރަމުންދާ ކަމަށެވެ. ޣައްޒާއަށް އިސްރާއީލުން ޙަމަލާ ދެމުންދާތާ މިހާރު 23 މަސް ދުވަސްވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

“ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ވަނީ ނަސްލު ނައްތާލުމުގެ ހަނގުރާމައަކަށް ބަދަލުވެފައި، އިސްރާއީލުން ބޭނުންވަނީ ޣައްޒާގައި މީހުންނަށް ދިރިއުޅެވޭނެ ގޮތެއް ނެތް ތަނަކަށް ހަދައި، އެތަނުގެ ރައްޔިތުން ބަދަލުކުރުމަށް މަގުފަހިކުރުމަށް.” ޝެއިޚް ތަމީމް ވިދާޅުވިއެވެ.

އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާގޮތުގައި ދޯހާގައި ކުރިއަށްދާ، މި ސަމިޓްގައި ޤަތަރަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާއިރު، އިސްރާއީލުން ދިން ޙަމަލާ ކުށްވެރިކޮށްފައިވެއެވެ. މި ޙަމަލާއަކީ ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބުރޫ އަރުވާ ކަމެއް ކަމަށް ވެސް ސަމިޓްގައި ބައިވެރިވި މެންބަރުން ވިދާޅުވެފައިވެއެވެ.

މިސަމިޓްގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޒުވެސް ބައިވެވެރިވެ ވަޑައިގެންނެވިއެވެ. އެމަނިކުފާނުވަނީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް އާވެސް ބައްދަލުކުރައްވާފައެވެ. ޤަޠަރުގެ އިސްތިޤުލާލަށް ނުރައްކާވުން ކުށްވެރިކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރަޙައްދީ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ޤަޠަރުން ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު ލިބެމުންދާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close