ދެކުނު ކޮރެއާގައި މިލިޓަރީ ތަމްރީނު ތަކެއްގައި އޮޅުމަކުން އެޅި ބޮންތަކަކުން ޒަޚަމްވި މީހުން 29 އަށް

ދެކުނު ކޮރެއާގެ ދިފާޢީ ވުޒާރާއިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، މިލިޓަރީ ތަމްރީނެއްގައި ބައިވެރިވި ހަނގުރާމަ މަތީ ޖެޓު ދެ މަތިންދާބޯޓުން އޮޅުމަކުން 8 ބޮމެއް އާންމުން ދިރިއުޅޭ ރަށަކަށް ވެއްޓިފައިވާއިރު، މި ހާދިސާގައި ޒަޚަމްވި މީހުންގެ އަދަދު 29 އަށް އިތުރުވެއްޖެއެވެ.
ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ އުތުރުން 40 ކިލޯމީޓަރު ދުރުގައިވާ ޕޮޗިއޮން ސަރަހައްދުގައި ބްރާސްޕަތި ދުވަހު ހިނގި މި ހާދިސާގައި “ކޭއެފް-16” ދެ ޖެޓުން އޮޅުމަކުން “އެމްކޭ-82” ގެ 8 ބޮން ތަމްރީނަށް ކަނޑައެޅިފައިވާ ސަރަހައްދުން ބޭރަށް ވެއްޓިފައިވެއެވެ. މިކަން ސޯލްގައި ހުންނަ ޔޮންހަޕް ނިއުސް މެދުވެރިކޮށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ.
ނޮގޮކް-ރީ އުތުރު ރަށުގައި މި ބޮންތައް ވެއްޓުމުގެ ސަބަބުން 15 އާންމު ރައްޔިތުންނާއި 14 ސިފައިން ޒަޚަމްވެފައިވާއިރު، އާންމު ރައްޔިތުންގެ ތެރެއިން ދެ މީހުން ވަނީ ބޮޑެތި ޒަޚަމްތަކާ ކުރިމަތިވެފައެވެ.
ބެންކޮކް ޕޯސްޓުން ރިޕޯޓްކުރި ގޮތުގައި، މި ހާދިސާގައި ޒަޚަމްވި އާންމު ރައްޔިތުންގެ ތެރޭގައި ތައިލެންޑްގެ 4 ރައްޔިތުން ހިމެނޭކަމަށް އެ ޤައުމުގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް، ސޯލްއިން މި ރައްޔިތުންގެ ޤައުމީ ނިސްބަތް އަދި ވަނީ ކަށަވަރު ނުކޮށްދީއެވެ.
ބޮންތަކުގެ ތެރެއިން 3 ބޮން ކައިރީގައިވާ ސިފައިންގެ މަރުކަޒަކަށް ވެއްޓުމުން ސިފައިންތަކެއް ޒަޚަމްވެފައިވާކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.
ދިފާޢީ ވަޒީރު ކިމް ސަން-ހޯ މި ހާދިސާއާ ގުޅިގެން މަޢާފަށް އެދި، ގެއްލުން ލިބުނު ތަންތަން އަލުން ރަނގަޅުކުރުމަށާއި ބަދަލު ދިނުމަށް ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަޤީންކަން ދީފައިވެއެވެ.
“ފުރިހަމަ ތަޙްޤީޤެއް މެދުވެރިކޮށް، (އަޅުގަނޑުމެން) ހާދިސާ ހިނގި ސަބަބު ސާފުކޮށް ކަނޑައަޅައި، މިފަދަ ހާދިސާތައް ހުއްޓުވުމަށް ބޭނުންވާ ފިޔަވަޅުތައް ފުރިހަމައަށް އަޅާނަން” ކަމަށް ބަޔާނެއްގައި އޭނާ ބުނެފައިވެއެވެ.
ޔުނައިޓެޑް ސްޓޭޓްސް ފޯސަސް ކޮރެއާއިން ވެސް ހުކުރު ދުވަހު އިޢުލާންކޮށްފައިވަނީ މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ހުރިހާ ލައިވް-ފަޔަރ ތަމްރީނެއް ހުއްޓާލާނެކަމަށެވެ.
މިއީ ދެކުނު ކޮރެއާގެ ހަނގުރާމަވެރި ޖެޓު މަތިންދާބޯޓަކުން އޮޅުމަކުން ބޮމެއް ވެއްޓި މީހުން ޒަޚަމްވި ފުރަތަމަ ފަހަރެވެ.
ސަރުކާރުން ވަނީ އެ ރަށުގައި އިޢާދަކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމަށް ވަގުތީ ކޮމިޓީއެއް ވެސް ޤާއިމްކޮށްފައެވެ.


