ޚަބަރު

އިންޑިއާގެ އުއްތަރަކަންދު ސްޓޭޓަށް ބޯކޮށް ވާރޭވެހި، 66 މީހަކު ގެއްލިގެން ހޯދަނީ

އިންޑިއާގެ އުތުރުގެ، އުއްތަރَަކަންޑަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާއެއް ހިނގިތާ ހަފުތާއެއް ވެފައިވާއިރު، އަދިވެސް 66 މީހަކު ގެއްލިގެން އުޅޭކަމަށް ސަރުކާރުން ބުނެފިއެވެ.

މިހާތަނަށް ފެނިފައިވަނީ އެންމެ ހަށިގަނޑެއް ކަމަށާއި، މީގެ ކުރިން ހަތަރު މީހުން މަރުވިކަމަށް އިއުލާންކުރި އަދަދު އިސްލާހުކޮށްފައިވާ ކަމަށްވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ.
އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް، ދަރާލީ އަވަށުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ވަނީ ފެނުގެ އަޑިއަށް ގޮސްފައެވެ. އަދި އެ ސަރަހައްދުގައި ހުރި އިންޑިއާ ސިފައިންގެ ކޭމްޕަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ގެއްލިގެން ހޯދަމުންދާ މީހުންނަށްޓަކައި ސަލާމަތީ ބާރުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް، މޫސުން ގޯސްވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ސަރަހައްދުގެ މުހިންމު ހައިވޭއެއް ބެދިފައި އޮތުމަކީ މި މަސައްކަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.
ފާއިތުވި ހަފުތާތަކުގައި އުއްތަރَަކަންޑަށް ބޯކޮށް ވާރޭވެހެމުންދާއިރު، އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ދަރާލީ އަވަށު ހިމެނޭ އުއްތަރްކާޝީ ސަރަހައްދަށެވެ. މިދިޔަ ހަފުތާއިން ފެށިގެން މިހާތަނަށް ދަރާލީ އަވަށު ކައިރިން 1,300 އެއްހާ މީހުން ސަލާމަތްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

މިދިޔަ ހަފުތާގެ ބޯ ވާރޭގެ ސަބަބުން އެ ސަރަހައްދުގެ ކީރްގަންގާ ކޯރު ފުރި، އެތައްޓެނެއްގެ ފެނާއި މަޑު ބާރު ސްޕީޑުގައި ފަރުބަދައިގެ ތިރިއަށް އައިސް، ދަރާލީ އާއި ކައިރީގައިވާ ހަރްސިލް އަވަށުގެ މަގުތަކާއި، އިމާރާތްތަކާއި، ފިހާރަތައް ވެސް ވަނީ ފޮރުވާލާފައެވެ. މީޑިއާއަށް އާންމުވި ވީޑިއޯތަކުން، ފެނުގެ ބިޔަ ރާޅެއް އައިސް އިމާރާތްތައް ހަލާކުކޮށްލާ މަންޒަރު ފެނިގެންދާއިރު، މީހުންނަށް ސަލާމަތްވާނެ ވަގުތެއް ލިބިފައިނުވާކަން ހާމަވެއެވެ.

އުއްތަރَަކަންޑްގެ ޗީފް މިނިސްޓަރާއި އެހެނިހެން އޮފިޝަލުން ފުރަތަމަ ވިދާޅުވީ މިއީ “ކްލައުޑްބާސްޓް” އެއްގެ ސަބަބުން ހިނގި ކަމެއް ކަމަށެވެ. ނަމަވެސް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން އަދި އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ސަރަހައްދުގެ އިސް އޮފިޝަލެއް ކަމަށްވާ ވިނޭ ޝަންކަރް ޕާންޑޭ ވިދާޅުވީ، ފެންބޮޑުވި ސަބަބު ދެނެގަތުމަށް 10 ޖިއޮލޮޖިސްޓުންގެ ޓީމެއް އެ އަވަށަށް ފޮނުވާފައިވާ ކަމަށެވެ.

ކީރްގަންގާ ކޯރުން އައި މަޑުގެ ސަބަބުން، ސަރަހައްދުގެ މައި ކޯރު ކަމަށްވާ ބާގިރަތީ ކޯރުގެ ބައެއް ބެދި، އާޓިފިޝަލް ކުޅިއެއް އުފެދިފައިވެއެވެ. މި ކުޅީގެ ސަބަބުން ސަރުކާރުގެ ހެލިޕެޑެއް ހިމެނޭހެން ބޮޑެތި ބިންތަކެއް ވަނީ ފެނުގެ އަޑިއަށް ގޮސްފައެވެ.
ގެއްލުނު މީހުންގެ ލިސްޓުގައި ނޭޕާލްގެ 24 މަސައްކަތު މީހުން، އަވަށްޓެރި 14 މީހުން، ސިފައިންގެ 9 މީހުން، އަދި އިންޑިއާގެ ބިހާރު ސްޓޭޓުގެ 13 މީހުންނާއި އުއްތަރް ޕްރަދޭޝްގެ 6 މީހުން ހިމެނޭކަމަށް ޕާންޑޭ ވިދާޅުވިއެވެ. ނަމަވެސް، އަދިވެސް އެ ސަރަހައްދުގެ އިތުރު މީހުން ގެއްލިގެން އުޅޭކަމަށް އެކި ފަރާތްތަކުން ނޫސްވެރިންނަށް މައުލޫމާތު ދެމުން އެބަދެއެވެ.
މަގުތައް ބެދިފައިވާ ދަރާލީ އަވަށަށް ދިއުމަށް ސަލާމަތީ ބާރުތަކުން ދަނީ ހެލިކޮޕްޓަރު ބޭނުންކުރަމުންނެވެ. އަދި މަސައްކަތްތެރިންނަށް ފަސޭހަ ކުރުމަށް ވަގުތީ ބްރިޖެއްވެސް ވަނީ އަޅާފައެވެ. ވަސްބަލާ ބުޅަލާއި، ބިންކޮންނަ ބޮޑެތި މެޝިނަރީ ބޭނުންކޮށްގެން، ގެތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި، އޮގަސްޓް 14 ވަނަ ދުވަހާ ހަމައަށް އުއްތަރَަކަންޑްގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވެއެވެ. އަދި 8 ޑިސްޓްރިކްޓަކަށް ވަނީ އެންމެ މަތީ ދަރަޖައިގެ އެލާޓް ނެރެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close