ޣައްޒާގައި ބަނޑުހައިހޫނުކަމުގައި ޝަހީދުވި މީހުންގެ އަދަދު 122 އަށްއަރައިފި

ޣައްޒާގައި އިސްރާއީލުން އަޅާފައިވާ ހަރުކަށި ދަތިކުރުންތަކުގެ ސަބަބުން ބަނޑުހައި ހޫނުކަމުގައި ޝަހީދުވި މީހުންގެ އަދަދު 122 އަށް އަރައިފިއެވެ. ބަނޑުހައިހޫނުކަމުގައި މިހާ ގިނަބަޔަކު ޝާހީދުވަމުންދާތީ، ޣައްޒާގެ ރައްޔިތުން ދަނީ ދުނިޔޭގެ އެހީއަށް އެދި އާދޭސްކުރަމުންނެވެ.
ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކާނާ ނުލިބުމުގެ ސަބަބުން އިތުރު 9 މީހަކު ޝަހީދުވެފައިވެއެވެ. މި އަދަދާއެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށްފަހު، މިފަދަ ސަބަބުތަކާހުރެ ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 122 އަށް އަރާފައެވެ. އޭގެ ތެރޭގައި މަދުވެގެން 83 ކުޑަކުދިން ހިމެނެއެވެ.
“މި ބަނޑުހައިހޫނުކަން ވަގުތުން ނިމުމަކަށް ގެނައުމަށާއި، ހުރިހާ ހުރަސްތަކެއް ހުޅުވާލައި، ކުޑަކުދިންނަށް ޚާއްޞަ ކިރު ޕެކެޓްތައް ޣައްޒާއަށް ފޯރުކޮށްދީ، އަދި ދުވާލަކު އެހީގެ 500 ޓްރަކާއި ތެލުގެ 50 ޓްރަކު ވައްދަން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލާކަމަށް ޞިއްޙަތާ ބެހޭ ވުޒާރާގެ ބަޔާނުގައިވެއެވެ.
އެ ވުޒާރާއިން ވަނީ މި އަނިޔާވެރި ޖަރީމާގެ ފުރިހަމަ ޒިންމާ އިސްރާއީލާއި، އެމެރިކާގެ ސަރުކާރާއި، އަދި މި “ނަސްލު ނައްތާލުމުގައި” (ޖެނޮސައިޑް) ގައި ބައިވެރިވާ އިނގިރޭސިވިލާތް، ޖަރުމަނު، އަދި ފްރާންސް ފަދަ ޤައުމުތަކާއި، މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢު އުފުލަން ޖެހޭނެ ކަމަށް ބުނެފައެވެ.
ހޮނިހިރު ދުވަހުގެ ފަތިހު، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ރިפּޯޓްކުރި ގޮތުގައި، އެ ހޮސްޕިޓަލުގައިއޮތް ތުއްތު ކުއްޖަކުވެސް ބަނޑުހައިހޫނުކަމާ ގުޅުންހުރި ސިއްޙީ މައްސަލަތަކެއްގައި ޝަހީދުވެއްޖެއެވެ.
ޣައްޒާއަށް ކާބޯތަކެއްޗާއި، ފެނާއި، ބޭހާއި، އަދިވެސް އެހެނިހެން އަސާސީ ތަކެތި ވެއްދުން ހުއްޓުވުމަށް އިސްރާއީލުން ހަރުކަށި ހިސާރެއް ދަމަހައްޓަމުންދާތީ، ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވާ މީހުންގެ އަދަދު ދަނީ ހިސާބެއްނެތް ވަރަށް އިތުރުވަމުންނެވެ. އދ. އިން ވަނީ މި ހާލަތު އިތުރަށް ގޯސްވަމުންދާއިރު، އެންމެ ބޮޑު ނުރައްކަލެއް އޮތީ ކުޑަކުދިންނަށް ކަމަށް އިންޒާރުދީފައެވެ.
ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސެއިރަތުގައި މަސައްކަތްކުރާ މިނިވަން ނޫސްވެރިއެއް ކަމަށްވާ ނޫރު އަލް-ޝާނާ، އަލްޖަޒީރާއަށް ބުނީ، ބަނޑުހައިހޫނުކަމުގެ އަސަރު ޣައްޒާގެ ދިރިއުޅުމުގެ ކޮންމެ ދިމާލަކަށް ކޮށްފައިވާ ކަމަށެވެ. އޭނާއަށް މިހާރު ދުވާލަކު އެންމެ އިރެއްގެ ކޮއްތު ހަމަކުރުމަށްވެސް ދަތިވެފައިވާ ކަމަށާއި، އެހީ ބެހި ތަންތަނުން ކާނާ ހޯދަން އުޅުމުގެ ތެރޭގައި އޭނާގެ އާއިލާގެ ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށްވެސް ބުންޏެވެ.
“ދުނިޔެއިން މިބުނަނީ ހަމައެކަނި ‘ފަލަސްތީނު މިނިވަންކުރާށޭ’. އަހަރެމެން ބޭނުމީ ބަހެއް ނޫން، ބޭނުމީ ހައްލެއް،” ނޫރު އަލް-ޝާނާ ބުންޏެވެ.
“މިވަރުން ފުދިއްޖެ، އަހަރެމެން ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފަ، އަހަރެމެންނަށް ނޭވާ ނުލެވިގެން މި އުޅެނީ. އަހަރެމެން މިތާ މި މަރުވަނީ.” ކަރުނަތައް ހިފަހައްޓަމުން އޭނާ އިތުރަށް ބުންޏެވެ.
ޔޫރަޕާއި އެމެރިކާއިން އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، ފްރާންސުން އިއްޔެ ބުނީ ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް އެގައުމުން ބަލައިގަންނަން ތައްޔާރަށް އޮތްކަމަށެވެ.

