ޚަބަރު

އެމްޑީއެންގެ ލާދީނީ ރިޕޯޓް މިލަދޫ ކައުންސިލުންވެސް ކުށްވެރިކޮށް ބަޔާނެއް ނެރެފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (MDN)ގެ ފަރާތުން “ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓުގައި ކީރިތި ޤުރުއާނަށާއި މާތް ވެގެންވާ އިސްލާމްދީނަށާއި ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ކަނޑައެޅިގެން ފާޅުގައި ފުރައްސާރަކޮށްފައިވާތީ ނ.މިލަދޫ ކައުންސިލުން އެ ރިޕޯޓް ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.  

މިލަދޫ ކައުންސިލަރުން ސޮއިކުރައްވާ މިއަދު ޢާއްމުކޮށްފައިވާ ބަޔާނުގައި ވަނީ އެފަދަ ރިޕޯޓެއް ނެރުމަކީ އެޖަމިއްޔާގެ ސީދާ ނިޔަތް ފާސިދުވެގެން ގޮސްފައިވާ މިންވަރު އަންގައިދޭ ދަލީލެއްކަމަށާއި، އެ ޢަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފް ޢަމަލަކަށް ވީހިނދު، އެކަން މިލަދޫ ރައްޔިތުންނާއި އެރަށުކައުންސިލުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށެވެ.

ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ޤައުމަކަށް ވީހިނދު، މިފަސްގަނޑުގައި ފާޅުގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ކުފުރުގެ ޢަމަލުތައް ހިންގުމަކީ އެއްވެސް ހާލެއްގައި ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ވީހިނދު އަދި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (1/2003) ގެ 19 ވަނަ މާއްދާގައިވާ ފަދައިން އިސްލާމްދީނަށް އިހާނެތިކޮށް ހިތުން ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ނުވަތަ އިސްލާމްދީން ނޫން އެހެން ދީނެއްގެ ފިކުރާއި ޝިޢާރު ދިވެހިރާއްޖޭގައި ފައުޅުކުރުމަށް އެފަދަ ޖަމްޢިއްޔާތައް ހިންގުމަކީ ޤާނޫނާ ޚިލާފު ޢަމަލަކަށް ވީހިނދު، އެފަދަ ޢަމަލުތައް ތަކުރާރުވެގެން ދިއުމަކީ ދިވެހިރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަކަށްވާތީ، މިހާރުން މިހާރަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އުވާލާ އެ ނުބައި ޢަމަލު ހިންގުމުގައި ބައިވެރިވެފައިވާ އެންމެހައި ފަރާތްތަކަށް އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި ފިޔަވަޅު އަޅައިދިނުމަށް ދަޢުލަތުގެ މުއައްސަސާތަކަށާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިއަށް އިލްތިމާސް ކުރާކަމަށްވެސް ކައުންސިލްގެ ނޫސްބަޔާނުގައިވެއެވެ.

މިލަދޫ ކައުންސިލުން ބަޔާން ނެރެފައިވާއިރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްޑީއެންގެ ރިޕޯޓާ އިދިކޮޅު ހަދާ އެޖަމާޢަތް އުވާލުމަށް ގޮވާލާ ހިނގާލުންތައް ބާއްވާ އެފަދަ ބަޔާންތައް ދަނީ ކެނޑިނޭޅި ނެރެމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close