އިސްރާއީލަށް ދަތުރުކުރި އިތުރު ބޯޓެއް ހޫޘީން އަޑިއަށް ދުއްވާލައިފި

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން، ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން އިސްރާއީލަށް ދަތުރުކުރަމުން ދިޔަ އިތުރު އާގު ބޯޓަކަށް ހަމަލާދީ، އެ ބޯޓު އަޑިއަށް ދުއްވާލައިފިއެވެ.
ބުދަ ދުވަހު ޔަމަނުގެ ހޫޘީން ނެރުނު ބަޔާނެއްގައި ބުނީ، އެ ޖަމާޢަތުގެ ކަނޑުގެ ސިފައިން ދެމުންދިޔަ އިންޒާރުތަކާއި ގޮވާލުންތަކަށް ސަމާލުކަން ނުދިނުމުން، “އިޓާނިޓީ ސީ” ނަމަކަށް ކިޔާ ބޯޓަށް ހަމަލާދީފައިވާ ކަމަށެވެ. މި ބޯޓު ދަތުރުކުރަމުން ދިޔައީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިމުގައިވާ އުއްމުއް ރަޝްރަޝް (އޭލަތު) ގެ ބަނދަރަށެވެ.
ބަޔާނުގައިވާ ގޮތުން، މި ހަމަލާ ދީފައިވަނީ މީހުން ނެތި ދުއްވާ ކަނޑު އުޅަނދަކާއި، ހަ ކްރޫޒް އަދި ބެލިސްޓިކް މިސައިލް ބޭނުންކޮށްގެންނެވެ. ހަމަލާއާއެކު ބޯޓު އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށާއި، މި އޮޕަރޭޝަންގެ އަޑާއި މަންޒަރު ރެކޯޑްކޮށްފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެހެންނަމަވެސް، ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށް، ހޫޘީންގެ ބެލުމުގެ ދަށުން އަމާން ހިސާބަކަށް ގެންގޮސްފައިވާ ކަމަށް އެފަރާތުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހަމަލާ ދީފައިވަނީ، އިސްރާއީލާ ގުޅުންހުރި ބޯޓުފަހަރަށް ހޫޘީން އަޅާފައިވާ “ދަތުރުފަތުރުގެ މަނާކުރުމުގެ ފިޔަވަޅާ” ޚިލާފުވެ، “އިޓާނިޓީ ސީ” އަދި އެ ބޯޓުގެ ވެރިފަރާތުން އަލުން އޭލަތުގެ ބަނދަރާ އެކު މުޢާމަލާތްކުރަން ފެށުމުން ކަމަށް އެ ބަޔާނުގައި ބުނެއެވެ.
ހޫޘީން ވަނީ ރަތް ކަނޑާއި ޢަރަބި ކަނޑުގައި އިސްރާއީލާ ގުޅުން ހުރި ބޯޓުފަހަރަށް ދަތުރުކުރުން މަނާކޮށްފައިވާކަން ހަނދާންކޮށްދީ، އެފަދަ ކުންފުނިތަކަށް އިންޒާރު ދީފައެވެ. “ބޯޓުފަހަރާއި އޭގެ ފަޅުވެރިންގެ ސަލާމަތަށްޓަކައި، އިސްރާއީލާ މުޢާމަލާތް ކުރުމާއި އެ ޤައުމުގެ ބަނދަރުތަކަށް ބޯޓުފަހަރު ފޮނުވުމުގެ ނުރައްކާތެރިކަމާ މެދު އަލުން އިންޒާރުދެން،” ބަޔާނުގައިވެއެވެ.
ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓާލައި، އެ ސަރަހައްދުގައި އަޅާފައިވާ ޙިޞާރު ނިމުމަކަށް ގެނައުމާ ހަމައަށް މި ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ހޫޘީން ވަނީ ބުނެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހޫޘީން ދަނީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އިސްރާއީލާ ގުޅުންހުރި ބޯޓުފަހަރަށް ހަމަލާދެމުންނެވެ. މި ހަފްތާގެ ކުރީކޮޅުވެސް، އެޖަމާޢަތުން ވަނީ “މެޖިކް ސީސް” ނަމަކަށް ކިޔާ ބޯޓަކަށް ހަމަލާދީ، އެ ބޯޓު އަޑިއަށް ދުއްވާލާފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފައެވެ.
ޣައްޒާގެ މައްޗަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށްވާއިރު، 57,680 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.




