ޣައްޒާ ހަނގުރާމަ 60 ދުވަހަށް މެދުކަނޑާލަން ދެފަރާތުން އެއްބަސްވެއްޖެ

ޣައްޒާ ހަނގުރާމަ 60 ދުވަހަށް މެދުކަނޑާލަން އިސްރާއީލާއި ހަމާސްއިން އެއްބަސްވެއްޖެއެވެ.
އަލް ޢަރަބިއްޔާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޣައްޒާގައި 60 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް ހަމާސް ޖަމާއަތާއި އިސްރާއީލުން އެއްބަސްވެފައިވަނީ އެމެރިކާއިން ހުށަހެޅި ހުށަހެޅުމެއްގެ ތެރެއިންނެވެ.
އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ހުށަހެޅުއްވި އެންމެ ފަހުގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެފައިވާ ކަމަށް މިއަދު އިސްރާއީލުގެ މީޑިއާތަކުން ވެސް ވަނީ، ރިޕޯޓްކޮށްފައެވެ.
އެއްބަސްވުމުގެ ދަށުން، ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލުގެ 10 މީހުން ދޫކޮށްލުމާއި، އިތުރު 18 ރަހީނެއްގެ ހަށިގަނޑު އިސްރާއީލާ ހަވާލުކުރާނެއެވެ.
އެމެރިކާގެ މި އައު ހުށަހެޅުމާ މެދު ހަމާސް އިން އެހާ ބޮޑު ހިތްހަމަޖެހުމެއް ފާޅުކޮށްފައި ނުވި ނަމަވެސް، އެ ޖަމާއަތުން ފާހަގަކޮށްފައިވާ ގޮތުގައި، މި ވަގުތީ ހަނގުރާމަ ހުއްޓާލުމަކީ ދާއިމީ ހަނގުރާމަ ހުއްޓާލުމަކަށް ބަދަލުވާނެ ކަމުގެ ކަށަވަރުކަމެއް މި ހުށަހެޅުމުން ނުލިބެއެވެ.
އެއްބަސްވުމުގެ ތަފްސީލުތައް:
ވިޓްކޮފްގެ ހުށަހެޅުމުގައިވާ ގޮތުން، 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމެއް ގެނެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި އިސްރާއީލުގެ 10 ރަހީނުންނާއި، އިތުރު 18 ރަހީނެއްގެ ހަށިގަނޑު އިސްރާއީލާ ހަވާލުކުރާނެއެވެ.
މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހަމާސް އިން އެއްބަސްވުމާއެކު، ޣައްޒާއަށް އިންސާނީ އެހީގެ ސިޕްމަންޓްތައް ފޮނުވުން އަލުން ފެށުމަށް ހަމަޖެހިފައިވާއިރު، އެ އެހީ ބެހުމުގެ މަސައްކަތް އދ. އާއި ރެޑް ކްރެސެންޓުން ކުރާނެއެވެ.
ހަނގުރާމަ ހުއްޓާލުން ފެށުމާއެކު، ދާއިމީ ހަނގުރާމަ ހުއްޓާލުމެއް ގާއިމްކުރުމާ ބެހޭ މަޝްވަރާތައް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ހަނގުރާމަ ހުއްޓާލުމަށް 10 ދުވަސްވުމުން، ހަމާސްގެ ބެލުމުގެ ދަށުގައިވާ އިސްރާއީލުގެ ހުރިހާ ރަހީނުންނާ ބެހޭ މައުލޫމާތު އެ ޖަމާއަތުން ދޭންޖެހެއެވެ.
ހަނގުރާމަ ހުއްޓާލުން ތަންފީޒުކުރަން ފެށުމުން، ސަރަހައްދުގައި އިސްރާއީލުން ހިންގާ ހުރިހާ އަސްކަރީ ހަރަކާތްތަކެއްގެ މައުލޫމާތު ރިކޯޑްކުރެވި، ބައިނަލްއަގްވާމީ މޮނިޓަރިންގ އިން ބަލަމުން ދާނެއެވެ.
މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ގެރެންޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެމެރިކާ، މިޞްރު އަދި ގަތަރެވެ. އަދި ފުރަތަމަ 60 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، މި އެއްބަސްވުން އިތުރަށް ދިގުކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން ފަށާއިރު، އޮކްޓޯބަރ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ކުއްލި ހަމަލާއެއް ދިނުމާ ގުޅިގެން އިސްރާއީލުން ޣައްޒާއަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށްފަހު، އެތައް ހާސް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި އިންސާނީ އަދި އިމާރާތްތަކުގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މި ހަނގުރާމަ ފެށުނު ފަހުން ގިނަ މަސްތަކެއް ވެފައިވާއިރު، މީގެ ކުރިންވެސް ކުރު މުއްދަތުގެ ހަނގުރާމަ ހުއްޓާލުންތައް ގާއިމްކުރެވިފައިވެއެވެ. ނަމަވެސް، ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް ވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. މިފަހަރުގެ މި 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަކީ، ދެމެހެއްޓެނިވި ކަމަކަށް މަގުފަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ބެލެވެއެވެ.




