ބޭރުދުނިޔެ

ޓައިވާނުން މިނިވަންކަން އިއުލާނުކުރުމާ ދެކޮޅަށް ޓްރަމްޕް ވަރުގަދަ އިންޒާރެއް ދީފި

ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބޭއްވި ދެ ދުވަހުގެ ސަމިޓަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓައިވާނަށް ރަސްމީކޮށް މިނިވަންކަން އިއުލާނު ނުކުރުމަށް ގޮވާލައި ވަރުގަދަ އިންޒާރެއް ދީފިއެވެ.

ފޮކްސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ޓްރަމްޕް ބުނީ ޓައިވާނުން ވަކިވެގަތުމަށް ކުރާ މަސައްކަތްތަކަށް އެމެރިކާއިން ތާއީދު ނުކުރާނެ ކަމަށާއި، މިހާރު ބޭނުންވަނީ އެ ސަރަހައްދުގެ ނުތަނަވަސްކަން ކުޑަކޮށް މަސްލަހަތު ފިނިކުރުން ކަމަށެވެ.
ޓްރަމްޕް ފާހަގަކުރި ގޮތުގައި އެމެރިކާއަކީ ޓައިވާނުގެ ދިފާއުގައި އޮތް ގައުމަކަށް ވާތީ، އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން މިނިވަންކަން އިއުލާނު ކުރަން އެއްވެސް ފަރާތަކުން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ހަނގުރާމައެއްގެ ތެރެއަށް ވަދެ 9،500 މޭލު ދުރަށް ސިފައިން ފޮނުވުމަކީ އޭނާ އެދޭ ގޮތެއް ނޫން ކަމަށް ބުނެ، ޗައިނާއާއި ޓައިވާނުން ވެސް ސުލްހަ އިސްކުރުމަށް ޓްރަމްޕް ގޮވާލިއެވެ.


މި ސަމިޓުގެ ކުރިން ޓައިވާނުގެ ރައީސް ލައި ޗިން-ޓޭ ވިދާޅުވެފައިވަނީ، އެ ގައުމަކީ މިހާރުވެސް އަމިއްލަ ވެރިކަމެއް ހިނގާ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށްވާތީ، އަލުން އާ ފެށުމަކުން މިނިވަންކަން އިއުލާނު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ނަމަވެސް ޗައިނާއިން އަބަދުވެސް ދެކެނީ ޓައިވާނަކީ އެ ގައުމުގެ ބައެއްގެ ގޮތުގައެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ބާރުގެ ބޭނުންކޮށްގެން ވެސް އެ ސަރަހައްދު ޗައިނާގެ ދަށަށް ގެންދާނެ ކަމުގެ އިންޒާރު ބެއިޖިންއިން ވަނީ އެތައް ފަހަރަކު ދީފައެވެ.

އެމެރިކާގެ ރައީސްއާއެކު ބޭއްވި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ، ޓައިވާނުގެ މައްސަލައަކީ ދެ ގައުމުގެ ސިޔާސީ ގުޅުމުގައި އޮތް އެންމެ ނާޒުކު އަދި އެންމެ ރެޑްލައިން ކަމަށެވެ. އަދި އެކަމުގައި އެމެރިކާއިން ގޯސް ފިޔަވަޅެއް އަޅައިފި ނަމަ، ދެ ގައުމުގެ މެދުގައި ބޮޑު އަސްކަރީ ކުރިމަތިލުމެއް ހިނގައިދާނެ ކަމުގެ އިންޒާރު ވެސް ޝީ ދެއްވިއެވެ.
ގާނޫނީ ގޮތުން ބަލާއިރު، ޓައިވާނަށް އަމިއްލަ ދިފާއުގައި ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާއަށް މަޖުބޫރުވެއެވެ. ނަމަވެސް ވޮޝިންޓަނުން ރަސްމީކޮށް ގެންގުޅެނީ “ވަން ޗައިނާ” ސިޔާސަތެވެ. އެއީ ޗައިނާގެ ހަމައެކަނި ގާނޫނީ ސަރުކާރަކީ ބެއިޖިންގައި އޮތް ސަރުކާރު ކަމަށް ގަބޫލުކުރުމެވެ.
ޓްރަމްޕް ހާމަކުރި ގޮތުގައި ޓައިވާނަށް 11 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެއެވެ. އަދި އެ މުއާމަލާތާ ގުޅޭގޮތުން ޝީއާ އެކު ވަރަށް ތަފްސީލީ ގޮތެއްގައި މަޝްވަރާ ކުރެވުނު ކަމަށް ވެސް އޭނާ ބުންޏެވެ.
މި ބައްދަލުވުންތަކާ ގުޅިގެން ޓައިވާނުގެ ފޮރިން މިނިސްޓަރު ލިން ޗިއާ-ލުންގް ވިދާޅުވީ، އެމެރިކާއާއި ޗައިނާގެ ސަމިޓް ވަރަށް ގާތުން ސަރުކާރުން ބަލަމުންދާ ކަމަށެވެ. އަދި ޓައިވާނުގެ ސަލާމަތާއި މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ އެކު މުއާމަލާތް ކުރަމުންދާ ކަމަށް ވިދާޅުވެ، ޗައިނާއިން އެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް އިތުރުކޮށް ބިރުދައްކަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އެމެރިކާގެ ވެރިކަމާ ޓްރަމްޕް ހަވާލުވި ފަހުން، ޓައިވާނުގެ މައްސަލާގައި އޭނާ ގެންގުޅޭ ހަރުކަށި ބަސްމަގުގެ ސަބަބުން ސަރަހައްދީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. ނަމަވެސް ޓްރަމްޕް ތަކުރާރުކޮށް ބުނަމުންދަނީ އޭނާގެ ހަމައެކަނި އަމާޒަކީ ހަނގުރާމައެއްގެ ބަދަލުގައި ސުލްހަވެރި ހައްލެއް ހޯދުން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close