އަދާނީ ގްރޫޕާ ދެކޮޅަށް އުފުލި ދައުވާ ތަހުގީގު ކުރުމަށް އެމެރިކާގެ ކޮންގްރެސް އިން އެދިއްޖެ

އިންޑިއާގެ މަހުޖަނު ގައުދަމް އަދާނީގެ ކުންފުނި އަދާނީ ގްރޫޕާ ދެކޮޅަށް އެމެރިކާގައި އުފުލި ދައުވާ ތަހުގީގު ކުރުމަށް އެމެރިކާގެ ކޮންގްރެސް އިން އެދިއްޖެއެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަދާނީ ގްރޫޕާ ދެކޮޅަށް އުފުލާފައިވާ ދައުވާ އަކީ އިންޑިއާ-އެމެރިކާ ގުޅުމަށް ގެއްލުން ލިބޭނެ ކަމެއް ކަމަށް ބުނެ، ޔޫއެސް ކޮންގްރެސްގެ 6 މެންބަރުން ވަނީ އެމެރިކާގެ އައު އެޓަރނީ ޖެނެރަލް ޕެމް ބޮންޑީއަށް ސިޓީއެއް ފޮނުވާފައެވެ.
ރެޕްރެޒެންޓެޓިވް ލާންސް ގޫޑެން، ޕެޓް ފެލޮން، މައިކް ހެރިޑޮޕޮލޮސް، ބްރެންޑަން ގިލް، ވިލިއަމް ޓިމޮންސް އަދި ބްރަޔަން ބެބިން މިމެންބަރުން ފޮނުވި ސިޓީގައި ބުނެފައިވަނީ، ބައިޑެން އެޑްމިނިސްޓްރޭޝަންގެ ދަށުން ކުރީގެ ޖަސްޓިސް ޑިޕާޓްމަންޓުން އަޅާފައިވާ މިފިޔަވަޅަކީ “އޮޅުވާލައިގެން އަޅާފައިވާ ފިޔަވަޅެއް” ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންޑިއާ ފަދަ “ސްޓްރެޓެޖިކް ބައިވެރިއެއް” އާއެކު އޮތް ގުޅުމަށް “ގެއްލުން” ލިބިދާނެ ކަމަށެވެ.
މިދައުވާގައި ތުހުމަތު ކުރެވެނީ އިންޑިއާގެ އޮފިޝަލުންނަށް އިންޑިއާގައި ތިބޭ އެކުންފުނީގެ މެންބަރުން ރިޝްވަތު ދިނުމަށް ތައްޔާރުވި ކަމަށެވެ. ނަމަވެސް މިމައްސަލަ އިންޑިއާގެ ފަރާތްތަކާ ހަވާލުކުރުމުގެ ބަދަލުގައި ބައިޑެންގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އެކުންފުނީގެ އެގްޒެކެޓިވުންނާ ދެކޮޅަށް ދައުވާ އުފުލާފައެވެ. އެމެރިކާގެ މަސްލަހަތުތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ހާލަތެއްގައި މިފަދަ ދައުވާއެއް އުފުލުމަށް ނިންމާފައިވަނީ އެހެން ބޭރު ނުފޫޒުތަކެއްގެ ސަބަބުން ކަމަށް ސިޓީގައި ބުނެފައިވެއެވެ.
ޑޮނަލްޑް ޓްރަމްޕް އަލުން ރައީސްކަމަށް އައުމުގެ ކުރިން އިންޑިއާ ފަދަ މުހިންމު ބައިވެރިއަކާއެކު އޮތް ގުޅުމަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް މިފިޔަވަޅު އަޅާފައިވާ ކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެމެރިކާގެ އިޤްތިޞާދު ކުރިއެރުވުމަށް ޓްރަމްޕް ކުރައްވާ މަސައްކަތުގައި އިންޑިއާ ފަދަ “އަގުހުރި ބައިވެރިންނާއި” އޮންނަ އިޤްތިޞާދީ ގުޅުން މުހިންމު ކަމަށްވެސް މެންބަރުން ބުނެފައިވެއެވެ.
ސިޓީގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެމެރިކާ އަދި އިންޑިއާއަކީ އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމް ކުރާ ދެ ގައުމެވެ. މިކަން ރައީސް ޓްރަމްޕް އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ދެމެދު އޮތް ގުޅުމުން ވެސް ފެންނަކަމަށް ކޮންގްރެސް މެންބަރުން ބުނެއެވެ. އަދި ޓްރަމްޕަކީ އެމެރިކާ އަދި އިންޑިއާ ފަދަ ދެ އިޤްތިޞާދީ އަދި އަސްކަރީ ބާރުގަދަ ގައުމާ ދެމެދު އޮންނަ ގުޅުމުގެ ހަގީގީ ބޭނުން ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އަދި އެއާ ޚިލާފަށް، “ލެފްޓް-ވިންގް މެގަޑޯނަރުން” ގެ ނުފޫޒުގެ ދަށުން ހިނގާ އޭޖެންސީތަކުން އަޅާ ސިޔާސީ ފިޔަވަޅުތަކަކީ ގައުމުގެ ލީޑަރުން އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްގެން ބިނާކޮށްފައިވާ ޑިޕްލޮމެޓިކް ގުޅުންތައް ނައްތާލައިފާނެ ކަމެއްކަމަށް ކޮންގްރެސް މެންބަރުން ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން އެމެރިކާގެ މުހިންމު ބައިވެރިއަކާ އެކު އޮތް ގުޅުމަށް ހީނަރުކަން އައުމުގެ އިތުރުން، އެމެރިކާގެ އިޤްތިޞާދު ނައްތާލައި، ސިލްކް ރޯޑް އިނީޝިއޭޓިވް މެދުވެރިކޮށް ދުނިޔޭގެ އިޤްތިޞާދީ ބާރު އަތުލުމަށް މަސައްކަތްކުރާ ޗައިނާގެ މަސައްކަތް ފަސޭހަވެގެންދާނެ ކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.
މިހާރު ކޮންގްރެސް މެންބަރުން އެދިފައިވަނީ އެފަދަ “ނުރައްކާތެރި ނިންމުމެއް” ނިންމުމުގެ ނަތީޖާ އިނގިހުރެ، ބައިޑެންގެ ޖަސްޓިސް ޑިޕާޓްމަންޓުން “ވަކި ފަރާތަކަށް އަމާޒުކޮށް” އަޅާފައިވާ މިފިޔަވަޅު، އަލުން ބަލައި ތަހުގީގު ކުރުމަށެވެ. އަދި މިކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ދިރާސާކޮށް ހަގީގަތް ހޯދުމަށް މަސައްކަތް ކުރުމަށެވެ.



