ނަސްރުﷲ މަރުވުމަކީ އިންސާފުގެ ކުޑަ މިންވަރެއް: ބައިޑަން

ހިޒްބުﷲގެ ލީޑަރު ޙަސަން ނަސްރުﷲ މަރުވުމަކީ އިންސާފުގެ މިންވަރެއް ކަމުގައި އެމެރިކާގެ ރައީސް ޖޯބައިޑެން ބުނެފިއެވެ.
އިސްރާއީލްގެ ނިރުބަވެރި ހަމަލާއެއްގައި ނަޞްރުﷲ އަވަހާރަކޮށްލުމާއެކު އެކަމަށް އިޝާރާތްކޮށް ބައިޑެން ބުނީ ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ މަރުވުމަކީ އެތައް ހާސް އެމެރިކާ ރައްޔިތުންނާއި އިސްރާއީލު އަދި ލުބުނާނުގެ އާންމު ރައްޔިތުން ހިމެނޭ ގިނަ ޝިކާރަތަކަށް ލިބުނު އިންސާފުގެ ކުޑަ މިންވަރެއް ކަމުގައެވެ.
ބައިޑަން އިތުރަށް ބުނީ ހިޒްބުﷲ، ހަމާސް، ހޫތީން އަދި އެހެނިހެން އީރާނުގެ އެހީތެރިކަން ލިބޭ ޓެރަރިސްޓު ގްރޫޕުތަކާ ދެކޮޅަށް އިސްރާއީލުން އަމިއްލަ ދިފާޢުގައި މަސައްކަތްކުރުމުގެ ޙައްޤަށް އެމެރިކާއިން ތާއީދުކުރާ ކަމަށެވެ. އަދި އެ ސަރަޙައްދުގައި ތިބި އެމެރިކާގެ އަސްކަރީ ބާރުތަކުގެ ދިފާޢީ ޤާބިލްކަން އިތުރަށް ވަރުގަދަކުރުމަށް ދިފާޢީ ވަޒީރަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ބައިޑަން ބުންޏެވެ.
ހަސަން ނަސްރުﷲއަކީ 1992 ވަނަ އަހަރުން ފެށިގެން ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތުގެ ލީޑަރުކަން ކުރަމުން އައި ފަރާތެވެ. އޭނާގެ ލީޑަރުޝިޕްގެ ދަށުން ހިޒްބުﷲއިން ވަނީ އިސްރާއީލާ ދެކޮޅަށް އެތައް ހަމަލާތަކެއް ދީފައެވެ. މީގެ ތެރޭގައި 2006 ވަނަ އަހަރު ހިނގި 34 ދުވަހުގެ ހަނގުރާމަވެސް ހިމެނެއެވެ. އެމެރިކާއިން ވަނީ ހިޒްބުﷲއަށް ޓެރަރިސްޓު ޖަމާޢަތެއްގެ ގޮތުގައި ލޭބަލްކޮށްފައެވެ.
ނަސްރުﷲ އަވަހާރަވުމާ ގުޅިގެން ބައިޑަން ދެއްކި ވާހަކަތަކުން ދޭހަވަނީ އެމެރިކާއިން އިސްރާއީލަށް ފުރިހަމަ ތާއީދު އޮތްކަމާއި، ސަރަޙައްދުގެ ހަމަނުޖެހުން އިތުރަށް ގޯސްވެދާނެކަމުގެ ބިރު އޮތްކަމެވެ. އަދި އެމެރިކާއިން މި ސަރަޙައްދުގައި އަސްކަރީ ބާރު އިތުރުކުރުމަކީ ވަށައިގެންވާ ޤައުމުތަކުގެ ކަންބޮޑުވުން އިތުރުވެދާނެ ކަމެކެވެ.
މެދުއިރުމަތީގެ ސަރަޙައްދުގައި ހިޒްބުﷲގެ ނުފޫޒު ވަރަށް ބޮޑެވެ. ޚާއްޞަކޮށް ލުބުނާނުގެ ސިޔާސީ މަޝްރަޙުގައި އެ ޖަމާޢަތުގެ ދައުރު ފާހަގަކޮށްލެވެއެވެ. ނަސްރުﷲގެ މަރާ ގުޅިގެން ހިޒްބުﷲއިން ނަގާނެ ފިޔަވަޅުތަކާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި ހާދިސާއާ ގުޅިގެން ސަރަޙައްދުގެ ހަމަޖެހުމަށް ވަރަށް ބޮޑަށް އަސަރުކޮށްފާނެކަމަށް ބެލެވެއެވެ.




