ބޭރުދުނިޔެ

މުސްލިމުންނާ ހިންދޫންނާ ދެމެދު ހިނގި ހަމަނުޖެހުންތަކަށް ދެ ހަފުތާވީ ފަހުން ހަރްޔާނާގައި ނެޓްގެ ޚިދުމަތް ދޭންފަށައިފި

އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ހަރްޔާނާގައި މީގެ ދެ ހަފުތާ ކުރިން މުސްލިމުންނާ ހިންދޫންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ހަ މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވުމާއި ގުޅިގެން އެސްޓޭޓްގެ ނޫހް އަވަށުން މެދުކަނޑާލައިފައިވާ އިންޓަނެޓްގެ ހިދުމަތް އަލުން ދޭން ފަށައިފި އެވެ.

ނޫހުގައި މޯބައިލް އިންޓަނެޓާއި އެސްއެމްއެސް އަދި ބްރޯޑްބޭންޑްގެ ހިދުމަތް މެދުކަނޑާލީ ޖުލައި 31 ވަނަ ދުވަހު ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކަށް ފަހު އަވަށުގެ ރައްޔިތުންގެ ހިތްތަކުގައި އުފެދުނު ނުތަނަވަސް އަދި ނާޒުކު ހާލަތާ ގުޅިގެންނެވެ.

އޭގެ ފަހުން ގުރުގުރާމް، ޕަލްވާލް، ފަރީދާބާދު އަދި ހަރްޔާނާގެ އެހެން ޑިސްޓްރިކްޓްތަކުގައިވެސް ހިނގި ހަމަނުޖެހުންތަކުގައި ހޯމްގާޑުންގެ ދެ މީހަކާއި މިސްކިތުގެ އިމާމަކާ އެކު ހަ މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި އެވެ.

ހަމަނުޖެހުން ހިންގައި ބައެއް ވެހިކަލްތަކާއި ކާބޯތަކެތީގެ ޖޮއިންޓްތަކާއި ފިހާރަތަކުގައި ރޯކޮށް ހެދި އެވެ.

މުސްލިމުންނާ ހިންދޫންނާ ދެމެދު ހިނގަމުންދާ މިހަމަނުޖެހުންތަކާގުޅިގެން ނޫހުގައި ބާއްވާ ހިންދޫންގެ ދީނީ ހިނގާލުމުގައި ގެރި ބަލަހައްޓާ މޮނޫ މަނޭސަރު ބައިވެރިވާނެ ކަމުގެ އަޑުތައް ފެތުރުމާ އެކު އެ ޑިސްޓްރިކްޓްގައި ވަނީ އިތުރަށް ހަމަނުޖެހުންތަކެއް އުފެދިފަ އެވެ.

މަނޭސަރު ވަނީ ނޫހްގައި ބާއްވާ ދީނީ ހިނގާލުމުގައި ބައިވެރިވާ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ގިނަ އަދަދެއްގެ ސަޕޯޓަރުން ނުކުތުމަށް ގޮވާލާފަ އެވެ.

އެކަމަކު ފަހުން އެ ހިނގާލުމުގައި އޭނާ ބައިވެރިވެފައެއް ނުވެއެވެ. ގެރި ބަލަހައްޓާ މީހާ ބުނީ އޭނާ އެއްވުމުގައި ބައިވެރިވެވަޑައިނުގެންނެވީ ވިޝްވާ ހިންދޫ ޕަރިޝަދުގެ ލަފާގެ މަތިން ކަމަށާއި، އޭނާ ހުންނެވުމުން އެ ސަރަހައްދުގައި ނުތަނަވަސްކަން އުފެދިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

މި ހަމަނުޖެހުންތަކުގައި މަނޭސަރުގެ ދައުރެއް އޮތްތޯ ބެލުމަށް ސްޕެޝަލް އިންވެސްޓިގޭޝަން ޓީމެއް (އެސްއައިޓީ) އެކުލަވާލާނެ ކަމަށް ފުލުހުން ބުންޏެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 390 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް 118 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ނަފްރަތު އުފައްދާ ޕޯސްޓުތަކާ ބެހޭގޮތުން 100 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި ހަމަނުޖެހުންތަކުގެ ތެރޭގައި ހަރުކަށި ކޮންޓެންޓް ޕޯސްޓްކުރާ ބައެއް އެކައުންޓްތައް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގައި ނޫހުގެ ސްކޫލްތަކާއި ކޮލެޖްތަކާއި އެހެނިހެން ތައުލީމީ މަރުކަޒުތައް ވަނީ ހުޅުވައިފަ އެވެ. ހަރްޔާނާ ސްޓޭޓް ޓްރާންސްޕޯޓްގެ ބަސް ދަތުރުތައް ވެސް ވަނީ އަލުން ފަށައިފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close