ޚަބަރު

ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ހުށަހެޅި އާ ހުށަހެޅުމަށް އިސްރާއީލުން ދެކޮޅުހަދައިފި

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ހާއްސަ މަންދޫބު އޭމޮސް ހޮކްސްޓައިން ހުށަހެޅުއްވި ހުށަހެޅުމަކަށް އިސްރާއީލް ސަރުކާރުގެ ދެ އިސް ވަޒީރަކު ދެކޮޅު ހައްދައި، އެ ހުށަހެޅުން ރައްދުކޮށްފިއެވެ.

ތުރުކީގެ އަނަޑޯލު ނިއުސް އެޖެންސީ އިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލްގެ މާލީ ވަޒީރު ބެޒަލަލް ސްމޮޓްރިޗް އާއި ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން-ގްވީރް ވަނީ މި ހުށަހެޅުމަކީ “ހަމާސް އަށް ބޯލަނބައި، ޓެރަރިޒަމަށް ދެވޭ އިނާމެއް” ކަމަށް ސިފަކޮށްފައެވެ.

އެ ދެ ވަޒީރުން ބުނާ ގޮތުގައި، މިފަދަ އެއްބަސްވުމަކުން އިސްރާއީލްގެ ސަލާމަތަށް ނުރައްކާވެ، ހަމާސް އިން އޮކްޓޯބަރު 7 ވަނަ ދުވަހު ދިންފަދަ ހަމަލާތަކެއް ތަކުރާރުވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ހަމާސް މުޅިން ނައްތާލަންޖެހޭ ކަމަށްވެސް އެ ދެ ވަޒީރުން ވަނީ ތަކުރާރުކޮށްފައެވެ.

އެމެރިކާގެ މަންދޫބު ހޮކްސްޓައިން އިސްރާއީލަށް ވަޑައިގެންފައިވަނީ އިސްރާއީލާއި ލުބްނާންގެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށެވެ. ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަކީ މި މަޝްވަރާތަކުގެ ތެރެއިން ހުށަހެޅުނު ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސްމޮޓްރިޗް އާއި ބެން-ގްވީރް އަކީ އިސްރާއީލްގެ ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ ދެމީހުން ކަމަށްވާއިރު، ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށް މީގެކުރިންވެސް އެދެމީހުން ވަނީ ދެކޮޅު ހަދާފައެވެ.

މިހާރު ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ފެށިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ހަމަލާދިނުމާ ގުޅިގެންނެވެ. އެ ހަމަލާއަށްފަހު އިސްރާއީލުން ވަނީ ހަމާސް ނައްތާލައި، ރަހީނުކޮށްފައިވާ މީހުން ސަލާމަތްކުރުމުގެ ނަމުގައި ޣައްޒާއަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. މި ހަނގުރާމަ ހުއްޓުވުމަށް ބައިނަލް އަޤުވާމީ މަޝްރަހުން މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް އަދި މިހާތަނަށް އެއްވެސް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close