ޓްރަމްޕްގެ ސަރުކާރަށް އޮބާމާގެ ހަރުކަށި ފާޑުކިޔުންތަކެއް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޯބާމާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުތަކާ މެދު ހަރުކަށި ފާޑުކިޔުންތަކެއް ރައްދު ކުރައްވައިފިއެވެ.
ނިއުޔޯކްގެ ހެމިލްޓަން ކޮލެޖްގައި ބޭއްވުނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އޯބާމާ ވިދާޅުވީ ޓްރަމްޕްގެ ސަރުކާރުން ފެޑެރަލް ސަރުކާރު ކުޑަކުރުމަށާއި، އިހުތިޖާޖުކުރާ ފަރާތްތައް އަނބުރާ ފޮނުވާލުމަށާއި، އިމިގްރޭޝަން ހަރުކަށިކުރުމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް ކުރަމުންދާ މަސައްކަތްތަކާމެދު އެމަނިކުފާނު ކަންބޮޑުވާ ކަމަށެވެ.
“އަހަރެން ނުވަތަ އަހަރެންގެ ކުރީގެ ރައީސުންގެ ތެރެއިން އެއްވެސް މީހަކު މިފަދަ ކަންތައްތަކެއް ކުރިނަމަ، މިހާރު އަނގަ ބަންދުކޮށްގެން ތިބި ޕާޓީތަކުން އެކަން ބަލައި ނުގަތީސްކަމާމެދު ޝައްކެއް ނެތް” އޯބާމާ ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ދުވަސްކޮޅެއް ވަންދެން އާންމުކޮށް ވާހަކަފުޅު ނުދައްކަވާ ހުންނެވި ނަމަވެސް، ދުރުން ނަމަވެސް ކަންކަން ވަމުންދާ ގޮތް ބައްލަވަމުން ގެންދަވާ ކަމަށެވެ.
މީގެ އިތުރުން، ޓްރަމްޕްގެ ސަރުކާރުން އެސޯސިއޭޓެޑް ޕްރެސްގެ ނޫސްވެރިން ވައިޓް ހައުސްގެ ޕްރެސް ޕޫލްއިން ވަކިކުރި މައްސަލައަށް އިޝާރާތްކުރައްވަމުން، އޯބާމާ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މިފަދަ ކަމެއް ކުރެއްވިނަމަ ކަންތައްތައް ވާނެ ގޮތް ސުވާލު އުފެދޭ ކަމަށެވެ.
އޯބާމާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޓްރަމްޕްގެ ސަރުކާރުން ވަކީލުންނަށް ބިރުދެއްކުމުގެ މަސައްކަތްކުރާ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި މިފަދަ ކަމެއް ކުރެއްވިނަމަ އެކަން ބަލައިގަނެވޭނެ ކަމަކަށް ނުފެންނަ ކަމަށެވެ.
މީގެ އިތުރުން، ޓްރަމްޕްގެ ސަރުކާރުން ތަޢާރަފުކޮށްފައިވާ ޓެރިފްތަކުގެ ސަބަބުން އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އޯބާމާ ވިދާޅުވިއެވެ. ނަމަވެސް، އެމަނިކުފާނު އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ ވައިޓް ހައުސްއިން އެމެރިކާގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުން ކަމަށް ވިދާޅުވިއެވެ.
އޯބާމާ އިތުރަށް ވިދާޅުވީ ޔުނިވަރސިޓީތަކުގައި ދަރިވަރުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފެޑެރަލް ސަރުކާރުން ގެންނަ ހުރަސްތަކާމެދު އެމަނިކުފާނު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ވައިޓް ހައުސްއިން ވަކީލުންނަށް ބިރުދައްކައި، ސަރުކާރާ ދެކޮޅު ފަރާތްތަކަށް ވަކާލާތުކުރާ ވަކީލުންނަށް ދަތިކުރުމަކީ އެމެރިކާގެ އަސާސީ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް އޯބާމާ ވިދާޅުވިއެވެ.
“ޓްރަމްޕް މޮޔަވެފައި ހުރި ކަމަށް ފެނުނު ނަމަވެސް، އޭނާގެ ރިޔާސަތު ނުރައްކާތެރި ނުވާނެ ކަމަކަށް ނުބެލެވޭނެ” އޯބާމާ އިންޒާރު ދެއްވިއެވެ.
2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކުރިން އޭރުގެ ރިޔާސީ ކެންޑިޑޭޓް ކަމަލާ ހެރިސްއާއެކު އެޓްލާންޓާގައި ބޭއްވުނު ރެލީއެއްގައި އޯބާމާ ބައިވެރބައިވެރިވެވަޑައިގަތެވެ. އެ ރެލީގައި އޯބާމާ އިޝާރާތްކުރެއްވީ ޓްރަމްޕްގެ ކުރީގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ ވިދާޅުވެފައިވާ ގޮތުގައި ޓްރަމްޕަކީ “ފެސިސްޓެއްގެ މާނައިގައި ހިމެނޭ މީހެއް” ކަމަށެވެ.
“އަޅުގަނޑުމެންނަށް ބޭނުމެއް ނޫން ހަތަރު އަހަރު ދުވަހު ރަސްކަން ކުރަން ބޭނުންވާ، ޑިކްޓޭޓަރަކަށް ވާން ބޭނުންވާ މީހަކު އޭނާގެ ދުޝްމަނުންނަށް އަދަބު ދޭން މަސައްކަތް ކުރަނިކޮށް ބަލަން ތިބޭކަށް،” ކެލީގެ ބަސްތަކަށް ރައްދު ދެއްވަމުން އޯބާމާ ވިދާޅުވިއެވެ. “އެއީ އަހަރެމެންގެ ދިރިއުޅުމަށް ބޭނުންވާ އެއްޗެއް ނޫން. އެމެރިކާ ވަނީ އާ ސަފުހާއަކަށް ދާން ތައްޔާރަށް.” އޮބާމާ ވިދާޅުވިއެވެ.
އޯބާމާ ވިދާޅުވީ އެމެރިކާގެ ރައްޔިތުން ބަދަލަކަށް ބޭނުންވާ ސަބަބު އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ޓްރަމްޕަކީ އެކަމަށް ޙައްލެއް ނޫން ކަމަށް ވިދާޅުވިއެވެ. “އަހަރެންނަނަކަށް ނުވިސްނޭ ކީއްވެގެންކަން ޑޮނަލްޑް ޓްރަމްޕް ކަންކަން ބަދަލުކުރަނީކީ، އޭނާއަކީ އަމިއްލަ ނަފްސު ފިޔަވައި އެހެން އެއްވެސް މީހަކާ މެދު ވިސްނާ މީހެއްކަން ދައްކުވައިދޭ އެއްވެސް ހެއްކެއް ނެތް.” އޮބާމާ ވިދާޅުވިއެވެ.
އިންތިޚާބަށްފަހު، އޯބާމާ ޓްރަމްޕާ ބެހޭ ގޮތުން މާ ގިނަ ވާހަކަތަކެއް މީގެ ކުރިން ދައްކަވާފައެއް ނުވެއެވެ. ފާއިތުވި މަދު މަސްތަކުގައި އެމަނިކުފާނު ވަނީ މާ ބޮޑު ސަމާލުކަމެއް ނުލިބޭ ގޮތަށް އުޅުއްވާފައެވެ. ނަމަވެސް ޓްރަމްޕްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި އޯބާމާ ބައިވެރިވެވަޑައިގެންނެވި ކަމަށް ވަނީ ފެނިފައެވެ. ކުރީގެ ފަސްޓް ލޭޑީ މިޝެލް އޯބާމާ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވަން ނިންމެވިއެވެ.



