ނިއުޔޯކް ސިޓީގައި އިމާރާތެއްގައި އަލިފާން ރޯވެ 19 މީހުން މަރުވެއްޖެ
އެމެރިކާ: ނިއުޔޯކް ސިޓީ އިން ސްޕޭސް ހީޓަރ ގެ މަސައްކަތް ކުރާ އިމާރާތެއްގައި އަލިފާން ރޯވެ 19 މީހުން މަރުވެއްޖެއެވެ.
ނިއުޔޯކް ސިޓީގެ މޭޔަރު އެރިކް އެޑަމްސް ވިދާޅުވީ، ނިއުޔޯކް ގަޑިން މިއަދު ހެނދުނު 11:00 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި 19 މީހަކު މަރުވެފައިވާ ކަމަށެވެ.
މި ހާދިސާގައި 32 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
އަލިފާން ގަނޑު ފުރަތަމަ ރޯވީ އިމާރާތުގެ ދެވަނަ ފަންގި ފިލާގައެވެ. އޭގެ ފަހުން ތިންވަނަ ފަންގިފިލާއަށް އަލިފާންގަނޑު ފެތުރިފައިވާ ކަމަށާއި، އެ އެޕާޓްމަންޓުން ހޯލަށް އަލިފާންގަނޑު ވަދެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އިމާރާތުގެ ކޮންމެ ފަންގިފިލާއަކަށް އަދިވެސް ދުމުގެ އަސަރު ފެތުރިފައިވާ ކަމަށާއި، ސަބަބަކީ އެ އެޕާޓްމަންޓުގެ ދޮރު ހުޅުވާފައި ހުރުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށާއި، ހާދިސާގައި އަނިޔާވި މީހުންނަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް އެ ސިޓީގެ ފަޔާ ޑިޕާޓްމަންޓްގެ ކޮމިޝަނަރު ޑެނިއަލް ނިގްރޯ ނިއުސް ބްރީފިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
“ސިޑިގޮޅިތަކުގެ ކޮންމެ ފަންގިފިލާއެއްގައި ތިބި މީހުންނަށް އަނިޔާވި މީހުން ފެނުނު، އެ މީހުން ގެންދިޔައީ ކާޑިއެކް އަދި ރެސްޕިރޭޓަރީ އެރެސްޓްގައި،” އޭނާ ވިދާޅުވި އެވެ.
ނިގްރޯ ވިދާޅުވީ، އަލިފާން ރޯވާން ފަށާފައިވަނީ އެ އެޕާޓްމަންޓްގެ ނިދާ ކޮޓަރީގައި ހުރި ޕޯޓަބަލް އިލެކްޓްރިކް ހީޓަރެއްގައި ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެޕާޓްމަންޓް އިމާރާތުގައި ހޫނު ކަން ހުރި ކަމަށާއި ޕޯޓަބަލް ހީޓަރު ން އެ ހޫނުކަން ސަޕްލިމެންޓް ކުރަމުން ދިޔަ ކަމަށެވެ.



