އިސްރާއީލުގެ ސިފައިން ރެޑް ކްރޮސްގެ އިމާރާތަކަށް ހަމަލާދީފި

އިސްރާއީލުގެ ސިފައިން ޣައްއްޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓީގައި ހުރި ރެޑް ކްރޮސްގެ އިމާރާތަކަށް ހަމަލާދިންކަމަށް އެ ޤައުމުގެ ސިފައިން އިއުތިރާފުވެއްޖެއެވެ. މި ހަމަލާ ދިނީ މިދިޔަ ހޯމަ ދުވަހުގެ ފަތިހުއެވެ.
އިސްރާއީލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ރާފާހްގައި މަސައްކަތްކުރަމުންދިޔަ އެ ޤައުމުގެ ސިފައިންނަށް ޝައްކުވާ ފަރާތްތަކެއް ފެނި، އެ ސިފައިންނަށް ނުރައްކަލެއް އޮތްކަމަށް ޤަބޫލުކުރެވުނު ކަމަށެވެ. އެހެންކަމުން އެ އިމާރާތަށް ހަމަލާދިނީކަމުގައެވެ.
މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، އިމާރާތަށް ކުޑަ ގެއްލުމެއް ލިބުނު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ފަހުން ބެލިބެލުމުން އެނގުނީ އެއީ ރެޑް ކްރޮސްގެ އިމާރާތެއްކަން ކަމަށާއި، މި މައްސަލަ ތަޙުޤީޤު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ހާދިސާ ހިނގީ އިސްރާއީލުގެ ސިފައިން އދ. ގެ އިމާރާތަކަށް ހަމަލާދީ، އެތަނުގެ މުވައްޒަފަކު މަރުވެ، އިތުރު ފަސް މީހަކަށް އަނިޔާވި ތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އެކި ޖަމްޢިއްޔާތަކުގެ އެހީތެރިންނަށް ގިނަ ފަހަރު މަތިން ހަމަލާތައް އަމާޒުވެފައިވެއެވެ.
އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ބުނެފައިވަނީ ރާފާހްގައި ހުރި އެ ޖަމްޢިއްޔާގެ އޮފީހަށް ގޮވާ އެއްޗަކުން ގެއްލުން ލިބުނު ކަމަށެވެ. އަދި އެ އިމާރާތަކީ ކޮން އިމާރާތެއްކަން ސާފުކޮށް އެނގޭގޮތަށް ފާހަގަކޮށްފައި ހުރި އިމާރާތެއް ކަމަށާއި، ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް މި މަޢުލޫމާތު ދީފައިވާނެ ކަމަށް ބުނެފައިވެއެވެ.
މި ހަމަލާގައި އެ ޖަމްޢިއްޔާގެ އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، މިފަދަ ހަމަލާތަކުން އެ ޖަމްޢިއްޔާގެ މަސައްކަތަށް ސީދާ އަސަރުކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގެ ދަށުން އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކާއި، މެޑިކަލް މުވައްޒަފުންނާއި، އިމާރާތްތަކަށް ޚާއްޞަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ކަމަށް ބުނެފައިވެއެވެ.


