އަމާޒަކީ އޭޕްރީލް 20ގެ ކުރިން ޔޫކްރެއިން ހަނގުރާމަ ހުއްޓާލުން: އެމެރިކާ

އެމެރިކާގެ އަމާޒަކީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ މިއަހަރުގެ އެޕްރީލް 20 ވަނަ ދުވަހުގެ ކުރިން ނިމުމަކަށް ގެނައުން ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އެތާރީޚްގެ ކުރިން ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.
ޔޫކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ރަޝިޔާ އަދި ޔޫކްރެއިންގެ ވަކިވަކި ބައްދަލުވުންތަކެއް ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުވުންތަކަކީ ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދޭން ފެށި ފަހުން، ފުރަތަމަ ފަހަރަށް ބާއްވާ މިފަދަ ބައްދަލުވުންތަކެވެ.
ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ގިނަ ދުވަސްތަކެއް ނުވެ ހަނގުރާމަ މުޅިން ހުއްޓޭނެ ކަމަށް ޤަބޫލުކުރެވޭ ކަމަށާއި އަދި ރަޝިޔާ އަދި އުކްރެއިންގެ ވެރިންނާއެކު ރަނގަޅު ގުޅުމެއް އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމެރިކާގެ ވާހަކަތައް މިހެން ހުރިނަމަވެސް، ދެ ފަރާތުން އަދިވެސް ހަމަލާތައް ދެމުންދާ ކަމަށާއި، ރަޝިޔާއިން އަވަސް އެއްބަސްވުމަކަށް ވާސިލުވުމަށް މަސައްކަތް ކުރާތަން ނުފެންނަ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައަކީ ތިން އަހަރު ވެފައިވާ ހަނގުރާމައެކެވެ.


