ހަސީނާ އެނބުރި ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަންނާނެ: އެކަމަނާގެ އެކުވެރިޔާ

ޝެއިޚް ހަސީނާ އެނބުރި ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަންނާނެ ކަމަށާއި، ގައުމުގެ ޒުވާން ޖީލު މިސްޓޭކެއް ހެދީކަމަށް އެކަމަނާގެ ގާތް އެހީތެރިއެއް ކަމުގައިވާ ޔޫއެސް އަވާމީ ލީގުގެ ނައިބު ރައީސް ޑރ. ރައްބީ އާލަމް ވިދާޅުވެއްޖެއެވެ.
ޑރ.އާލަމް ވިދާޅުވި ގޮތުގައި ބަންގްލަދޭޝް ވަނީ ހަމަލާއެއްގެ ތެރޭގައެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުން މިކަމަށް މެދުވެރިވުމަށް އޭނާ ގޮވާލެއްވިއެވެ.
ކޮލްކަތާގައި އޭއެންއައި ނިއުސް އޭޖެންސީއަށް ދެއްކި އިންޓަވިއުއެއްގައި ޑރ. އާލަމް ވަނީ އިންޑިއާއިން ހިޔާވަހިކަން ދިނުމަށް “އެލައިންމަންޓް” ދިން ކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި ޝެއިޚް ހަސީނާއަށް ރައްކާތެރި ދަތުރުފުޅެއް ކުރެއްވޭނެ މަގު ތަނަވަސްކޮށްދެއްވި ކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށްވެސް ޝުކުރު އަދާކުރިއެވެ.
“ބަންގްލަދޭޝްގައި މިހާރު ހިނގަމުންދަނީ ސިޔާސީ އުދާސްތަކެއް ނޫނެވެ. މިއީ ޓެރަރިސްޓް އުދާސްތަކެކެވެ… އަޅުގަނޑުމެންގެ ގިނަ ލީޑަރުން ތިބީ އިންޑިއާގައި ހިމާޔަތުގައެވެ. އަޅުގަނޑުމެން އިންޑިއާ ސަރުކާރަށް ވަރަށް ޝުކުރުވެރިވަމެވެ،” ޑރ. އާލަމް ވިދާޅުވިއެވެ.
ޑރ. އާލަމް އިތުރަށް ވިދާޅުވި ގޮތުގައި ޝެއިޚް ހަސީނާ އަނބުރާ ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަންނާނެއެވެ. ބަނގްލާދޭޝްގެ ޒުވާން ޖީލު ވަނީ މޮޅުވެފައެވެ. އެކަމަކު އެއީ އެމީހުން ހެދި މިސްޓޭކެކެވެ. ނަމަވެސް އެއީ އެމީހުންގެ ކުށެއް ނޫނެވެ. އެމީހުން ވަނީ މެނިޕިއުލޭޓް ކުރެވިފައެވެ.
“އަޅުގަނޑުމެން ބޭނުންވަނީ ބަންގްލަދޭޝްގެ އެޑްވައިޒަރު މަޤާމުން އިސްތިއުފާ ދީ، އޭނާ އައި ތަނަކަށް އަނބުރާ ދިއުމަށް.” ޑރ. އާލަމް އިތުރަށް ވިދާޅުވިއެވެ.
މި ހަފްތާގައި، ޑާކާގެ ކޯޓަކުން ވަނީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަންމޮނދީގައި ހުރި ގެ، ‘ސުދަސަދަން’ އާއި އޭނާގެ އާއިލާގެ މެންބަރުންގެ އެހެން ބައެއް މުދާ ހިފެހެއްޓުމަށް އަމުރުކޮށްފައެވެ. މިހާރު އެ އާއިލާ ވަނީ އިންޑިއާއަށް ހިޖުރަކޮށްފައެވެ.
އޮފިޝަލަކު ބުނި ގޮތުގައި، ހަމައެއާއެކު ކޯޓުން ވަނީ އެ އާއިލާއަށް ނިސްބަތްވާ 124 ބޭންކް އެކައުންޓް ހިފެހެއްޓުމަށްވެސް އަމުރުކޮށްފައެވެ.
ބަންގްލަދޭޝްގައި މިހާރު ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމަކީ 2024 ވަނަ އަހަރުގެ ޖަނަވަރީ 7 ގައި ބޭއްވުނު އާންމު އިންތިޚާބާ ގުޅިގެން ފެށުނު ކަމެކެވެ. މި އިންތިޚާބުގައި ޝެއިޚް ހަސީނާގެ އަވާމީ ލީގު ޕާޓީ ބޮޑު ތަފާތަކުން ކާމިޔާބު ކުރި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ވަނީ އިންތިޚާބުގެ ނަތީޖާއާމެދު ސުވާލު އުފައްދާފައެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އިންތިޚާބުގައި ވޯޓު ވަނީ އޮޅުވާލައިފައެވެ.
މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ އެކި ސަރަޙައްދުތަކުގައި މުޒާހަރާތައް ބޭއްވި އަދި އަމަން އަމާންކަން ގެއްލިގެން ދިޔައެވެ. މި ހާލަތާ ގުޅިގެން ޝެއިޚް ހަސީނާ އާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން ވަނީ އިންޑިއާއަށް ފުރާވަޑައިގެންފައެވެ. މިހާރު ބަންގްލަދޭޝްގައި ވަނީ ވަގުތީ ސަރުކާރެއް އުފެދި، ޤައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތް ފަށާފައެވެ.


