ބޭރުދުނިޔެ

ލުބުނާނަށް އިޒްރާއީލުން ދިން ހަމަލާއެއްގައި އެކަކު މަރުވެ، އިތުރު މީހަކު ޒަޚަމްވެއްޖެ

ހޮނިހިރު ދުވަހު ލުބުނާނުގެ ދެކުނު ސިޓީ ބިންޓް ޖްބެއިލްގައި އިޒްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ވެހިކަލެއްގައި ތިބި ބައެއްގެ ތެރެއިން އެކަކު މަރުވެ، އަނެކަކު ޒަޚަމްވެއްޖެކަމަށް ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.

ލުބުނާނުގެ ސަރުކާރުގެ ނޭޝަނަލް ނިއުސް އޭޖެންސީ (އެންއެންއޭ) އިން ޕަބްލިކް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރާ ޙަވާލާދީ ބުނެފައިވަނީ “ޚިރްބަތު ސެލްމްގައި ވެހިކަލްއަކަށް އިޒްރާއީލުގެ ޑްރޯނަކުން ދިން ހަމަލާއެއްގައި އެއް ރައްޔިތަކު ޝަހީދުވެ، އަނެއް ރައްޔިތަކު ޒަޚަމްވެފައިވާ” ކަމަށެވެ.

ކުރިން ރިޕޯޓުކުރެވުނު ގޮތުގައި، އިޒްރާއީލުގެ ސިފައިން ނަބަޓިއާ ގަވަރނަރޭޓްގައި ހިމެނޭ ބިންޓް ޖްބެއިލް ސިޓީގެ ޚިރްބަތު ސެލްމްގައި ވެހިކަލްއަކަށް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ބުނެ، މީހުން ޒަޚަމްވެފައިވާކަން ކަށަވަރުކޮށްފައިވެއެވެ. ނަމަވެސް ޒަޚަމްވި މީހުންގެ އަދަދު ބަޔާންކޮށްފައެއް ނުވެއެވެ.

މި ހަމަލާގެ އިތުރު ތަފްޞީލް ނުވަތަ ޓާގެޓާ ބެހޭ މަޢުލޫމާތު އިޒްރާއީލުން ދީފައިނުވިނަމަވެސް، އިޒްރާއީލުގެ ސިފައިންގެ ބަޔާނެއްގައި އެއްބަސްވެފައިވަނީ ލުބުނާނުގެ ދެކުނުގައި ޑްރޯނަކުން ހަމަލާ ދީފައިވާކަމަށެވެ. އަދި ޙިޒްބުﷲގެ އޮޕަރޭޓިވްއަކަށް ހަމަލާ ދިން ކަމަށް ބުނެފައިވެއެވެ.

މިހާތަނަށް އިޒްރާއީލުގެ މި ހަމަލާއަށް ޙިޒްބުﷲއިން ޖަވާބު ދީފައެއް ނުވެއެވެ.

ނޮވެމްބަރު 27 އިން ފެށިގެން ލުބުނާނުގައި ކޮންމެވެސް ވަރަކަށް ހަމަލާތައް ހުއްޓުމަކަށް އައިސްފައި ވަނިކޮށް މިއީ އިޒްރާއީލުން ދިން ނުރައްކާތެރި އިތުރު ހަމަލާއެކެވެ.

ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިފަހުން އިސްރާއީލުން 1,100 އަށްވުރެ ގިނަ ފަހަރު އެއްބަސްވުމާ ޚިލާފަށް ހަމަލާތައް ދީފައިވެއެވެ. މީގެ ތެރޭގައި މަދުވެގެން 84 މީހުން މަރުވެ، 280 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ދަށުން އިޒްރާއީލުން ޖަނަވަރީ 26 ވަނަ ދުވަހުގެ ކުރިން ލުބުނާނުގެ ދެކުނުން ހުރިހާ ސިފައިން ފައިބަންޖެހެއެވެ. ނަމަވެސް އިޒްރާއީލުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަން އިންކާރުކުރުމާ ގުޅިގެން ސުންގަޑި ފެބްރުއަރީ 18 އަށް ފަސްކުރެވުނެވެ. އެހެންނަމަވެސް އިޒްރާއީލުން އަދިވެސް ބޯޑަރުގެ 5 އައުޓްޕޯސްޓުގައި އިޒްރާއީލްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close