ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން އޭޝިޔާ ސަރަޙައްދަށް އަސަރުކުރާނެ: ޖަޕާނުގެ ޚާރިޖީ ވަޒީރު

ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ ނަތީޖާއިން އޭޝިޔާ ސަރަޙައްދަށް އަސަރުކުރާނެކަމަށް ޖަޕާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ ޚާރިޖީ ވަޒީރު އިވަޔާ ތަކެޝީ ވަނީ ޖަރުމަނުވިލާތުގައި ބޭއްވުނު މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ ނަތީޖާއަކުން އޭޝިޔާ ސަރަޙައްދަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ ރަޝިޔާގެ ހަމަލާތަކުން ބައިނަލްއަޤްވާމީ ނިޒާމަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށާއި، މި ހަނގުރާމައިގެ ނަތީޖާއަކީ ގްލޯބަލް ސެކިއުރިޓީއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ޚާއްޞަކޮށް މިކަމުގެ ސަބަބުން ތައިވާނުގެ މައްސަލައަށްވެސް އަސަރުކުރާނެ ކަމަށް ފާހަގަކުރެއްވިއެވެ.
މި ކޮންފަރެންސްގައި އެހެން އޭޝިޔާ ޤައުމުތަކުގެ އިސް ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ދެކުނު ކޮރެއާ، ނިއުޒިލޭންޑް، ފިލިޕީންސް އަދި ސިންގަޕޫރުގެ އިސް ވެރިން ހިމެނެއެވެ. މި ބޭފުޅުން ވަނީ އެކި ގޮތްގޮތުން ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އެ ޤައުމުތަކުގެ ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.
ޚާއްޞަކޮށް ދެކުނު ޗައިނާ ކަނޑުގެ މައްސަލައާއި، ކުކް އައިލެންޑްސްއާއި ޗައިނާ ދެމެދު ވެވުނު އެއްބަސްވުމާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެވުނެވެ. އަދި އަފްޣާނިސްތާނުގެ ސަލާމަތީ ކަންބޮޑުވުންތަކާ ގުޅޭގޮތުން ޕާކިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ހިނާ ރައްބާނީ ޚާރުވެސް ވާހަކަފުޅު ދެއްކެވިއެވެ.
ތިން ދުވަހުގެ މުއްދަތަށް ބޭއްވޭ މި ކޮންފަރެންސް ނިމޭނީ އާދީއްތަ ދުވަހު (މިއަދު) އެވެ.




