ބޭރުދުނިޔެ

ޖަރުމަނުގެ ޗާންސެލަރ އޯލަފް ޝޯލްޒް އީލޮން މަސްކަށް ރައްދުދެއްވައިފި

ޖަރުމަނުގެ ޗާންސެލަރ އޯލަފް ޝޯލްޒް އެމެރިކާގެ ޓެކްނޮލޮޖީ ބިލިއަނަރު އީލޮން މަސްކް، ޖަރުމަނުގެ ކުއްލި އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ބުނެ ފާޑުވިދާޅުވެއްޖެއެވެ.

ޖަރުމަނުގެ އިންތިޚާބުގައި މަސްކް ވަނީ ޖަރުމަނުގެ ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ޕާޓީ، އޯލްޓަނޭޓިވް ފޯ ޖަރުމަނީ (އޭއެފްޑީ) އަށް ތާއީދުކޮށްފައެވެ.

އަންނަ ފެބްރުއަރީ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާ ގުޅޭގޮތުން ޗާންސެލަރ ޝޯލްޒް ވިދާޅުވީ، “ޖަރުމަނުގައި ހިންގާނީ ކޮންކަމެއްކަން ނިންމާނީ ޖަރުމަނުގެ ރައްޔިތުންކަމުގައެވެ. އެއީ ސޯޝަލް މީޑިއާގެ ވެރިންގެ ޒިންމާއެއް ނޫން ކަމުގައެވެ. ފާޑުކިޔުންތަކުގެ މި ބަސްފުޅުތައް ޝޯލްޒް އާއްމު ކުރެއްވީ އަންގާރަ ދުވަހު އޭނާ ދެއްވި އައު އަހަރުގެ ޚިޠާބުގައެވެ.

ޝޯލްޒް މަސްކްގެ ނަން ސީދާ ނުގެންނެވި ނަމަވެސް، އެ ބަސްފުޅުތައް އަމާޒުވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގެ ވެރިޔާއަށްކަން ސާފުވެއެވެ. މިދިޔަ ހަފްތާ ބަންދުގައި މަސްކް ވަނީ ޖަރުމަނުގެ ނޫސް “ވެލްޓް އަމް ސޮންޓާގް” ގައި ޝާއިޢުކުރި ލިޔުމެއްގައި އޭއެފްޑީއަށް އޭނާގެ ތާއީދު އިތުރަށް ހާމަކޮށްފައެވެ.
މަސްކްގެ މި ތާއީދާ ގުޅިގެން ޖަރުމަނުގައި ވަނީ ބޮޑު ހަލަބޮލިކަމެއް އުފެދިފައެވެ. ސަރުކާރާއި އެކި ފަރާތްތަކުގެ ސިޔާސީ ލީޑަރުން ވަނީ މަސްކް އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައެވެ.
ޖަރުމަނުގެ ނައިބު ޗާންސެލަރ އަދި އިކޮނޮމީ މިނިސްޓަރ ރޮބަޓް ހަބެކް ވެސް އޭނާގެ އައު އަހަރުގެ ޚިޠާބުގައި ވަނީ، “މަސްކް ދަނީ ޔޫރަޕް ބަލިކަށިކުރާ ފަރާތްތަކަށް ބާރުދެމުންނޭ.” ބުނެ ފާޑު ވިދާޅުވެފައެވެ.

ފާއިތުވި ދުވަސްތަކުގައި މަސްކް ވަނީ ޖަރުމަނުގެ މެއިންސްޓްރީމް ސިޔާސީ ލީޑަރުންނާ ދެކޮޅަށް އެކި ފާޑުކިޔުންތައް އަމާޒުކޮށް، އޭއެފްޑީއަށް ތަޢުރީފުކޮށްފައެވެ. މިގޮތުން އޭނާ ވަނީ ޗާންސެލަރ ޝޯލްޒްއަށް “އޯފް ޝިޓްޒް” އަދި ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމެއިއަރއަށް “ޑިމޮކްރަސީއާ ދެކޮޅު ޓައިރަންޓެއް” ގެ ގޮތުގައި ސިފަކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close