ޓްރަމްޕް ‘ބޯޑް އޮފް ޕީސް’ އިފްތިތާހު ކޮށްފި

ޣައްޒާގެ ކަންކަން ހަމަޖެއްސުމުގެ ނަމުގައި ޓްރަމްޕް އުފެއްދި “ބޯޑް އޮފް ޕީސް” ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، “ބޯޑް އޮފް ޕީސް” (Board of Peace) ގެ ނަމުގައި ހާއްސަ ބޯޑެއް ރަސްމީކޮށް ބުރާސްފަތި ދުވަހު އިފްތިތާހު ކޮށްފައިވާއިރު، މިބޯޑްގެ ރިޔާސަތު ބަލަހައްޓާނީވެސް ޓްރަމްޕް އަމިއްލަފުޅަށެވެ. އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ބުނީ އދ. އާ ގުޅިގެން ޣައްޒާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މި ބޯޑުން މަސައްކަތް ކުރާނެ ކަމަށެވެ.
ސްވިޒަލޭންޑްގެ ދާވޯސްގައި ބޭއްވި 56 ވަނަ ވޯލްޑް އިކޮނޮމިކް ފޯރަމް (WEF) ގެ ހަވާސާގައި، ދުނިޔޭގެ 20 އަށްވުރެ ގިނަ ގައުމުތަކުގެ ވެރިންނާއެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި ބޯޑުގެ އެންމެ ފުރަތަމަ އަމާޒަކީ ޣައްޒާއަކީ ހަތިޔާރު ނެތް، ރަނގަޅު ނިޒާމަކުން ހިންގާ އަދި ރީތިކޮށް އަލުން ބިނާކުރެވިފައިވާ ތަނަކަށް ހެދުން ކަމަށެވެ.
“މިއީ ވަރަށް ފުރިހަމަ ރޭވުމަކަށް ވާނެ. ޣައްޒާގެ ކަންކަން ކާމިޔާބުވުމުން، ދުނިޔޭގެ އެހެން ކަންކޮޅުތަކަށް ވެސް އަޅުގަނޑުމެން ފޯކަސް ކުރާނަން،” ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، މި ބޯޑު ފުރިހަމައަށް އެކުލަވާލެވުމުން އެ ބޯޑުން ބޭނުން ކޮންމެ ކަމެއް ކުރުމުގެ ބާރު ލިބޭނެއެވެ. އަދި އެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ އދ. އާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބޯޑު އުފެއްދުމުގެ ރަސްމީ ލިޔެކިޔުންތަކުގައި ގިނަ ގައުމުތަކަކުން ސޮއިކޮށްފައިވީ ނަމަވެސް، މި ބޯޑުގެ ދައުރާއި މަސްއޫލިއްޔަތުތަކާ ބެހޭ ތަފްސީލީ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އދ. އަށް މީގެ ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ޓްރަމްޕް މިފަހަރު ވިދާޅުވީ، އދ. އަކީ ވަރަށް ބޮޑު ގާބިލިއްޔަތެއް އޮތް ތަނެއް ކަމަށާއި، މި ބޯޑާއި އދ. ގުޅިގެން މަސައްކަތް ކުރުމަކީ ދުނިޔެއަށް ލިބޭނެ ވަރަށް ތަފާތު އަދި ހާއްސަ ފުރުސަތެއް ކަމަށެވެ.
މި ބޯޑަކީ ހަމައެކަނި ޣައްޒާގެ މައްސަލައަށް އަމާޒުކޮށްފައިވާ ބޯޑެއްތޯ ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވަނީ، މިއީ މުޅި ދުނިޔޭގެ ކަންކަމުގައި ބައިވެރިވާނެ ބޯޑެއްކަން ކަށަވަރުކޮށްދެއްވާފައެވެ.



