ގިނަ ރަށްތަކަކަށް އުދައިގެ އަސަރުކުރަމުންދާއިރު މާލެ ސަރަހައްދުގައި ފެންބޮޑުވެއްޖެ

މެދުކެނޑުމެއްނެތި ވެހެމުންދާ ވާރެއާ ގުޅިގެން މާލެ ސަރަހައްދު ފެންބޮޑުވެ، އެތައް ގެއްލުންތަކެއް ވަމުންދާއިރު، އަތޮޅުތެރޭގެ އެކި ރަށްތަކަށް އުދައަރައި، ގެއްލުންވަމުންދާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
މާލޭގެ އެކި ސަރަހައްދުތަކުން ފެންބޮޑުވެ، ބައެއް ގެތަކާއި ފިހާރަތަކަށް ފެންވަދެ، އެތަންތަނުގެ މުދަލަށް ގެއްލުންވަމުންދާއިރު، މަގުތަކުގައި ޕާކުކޮށްފައި ހުރި ބައެއް ވެހިކަލްތަކަށްވެސް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. މިގޮތަށް ފެންބޮޑުވެފައިވަނީ ހަމައެކަނި މާލޭގައެއް ނޫނެވެ. ހުޅުމާލޭގައިވެސް ފެންބޮޑުވެފައިވާތީ، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ މާލޭގެ ތިން ސަރަހައްދެއްގައި 11 ޕަމްޕް ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ފަށައިފައެވެ.
މޫސުން ގޯސްވެ، ކަނޑު ގަދަވެފައިވާތީ، މިހާރު އަތޮޅުތެރޭގެ އެކި ރަށްރަށަށް އުދައަރައި، ގެއްލުންވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އެގޮތުން އުދައަރައި އެކި ގެއްލުންތައް ވަމުންދާ ރަށްތަކުގެ ތެރޭގައި ކ. މާފުށި، ކ. ގުރައިދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ، އދ. މާމިގިލި، ށ. ނަރުދޫ އަދި ފ. ނިލަންދޫ ހިމެނޭ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މޫސުން ގޯސްވެ، ވިއްސާރަ ކުރާނެކަމަށް ބެލެވޭތީ މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮރެންޖު އެލާޓް ނެރެފައެވެ. މި އެލާޓް ދެމިއޮންނާނީ މިރޭ 11 ގެ ނިޔަލަށެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ވަނީ، މި ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ހިންގުމަށް ތައްޔާރުވެ، ބައެއް ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ފަށައިފައެވެ.

