ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ތަކެއް ފުލުހުން އަތުލައިފި
ބ.ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ތަކެއް ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން މިތަކެތި އަތުލައިގެންފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.
މިއީ ކަނޑުމަގުން ތުޅާދުއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތިކަމަށް ފުލުހުން ވިދާޅުވެއެވެ.
އެތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން ތުޅާދުއަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، މި ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ 16:20 އެހައިކަންހާއިރުއެވެ.
މި އޮޕަރޭޝަނުގައި، އެ ލޯންޗުން ބޭލި ފޮށިގަނޑެއް ބަލައިފާސްކުރިއިރު އެ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތަޅެެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ހޯދާފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

