ސީލައިފަށް ފައިސާ ދެއްކި މީހުންނަށް ދައުލަތުން ބަދަލުދެއްވަނީ
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ސީލައިފްއާ ހަވާލުކުރުމުން ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި އެކުންފުނިން ފައިސާ ނެގުމަށްފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ދައުލަތުން މާލީ ބަދަލުދޭ ގޮތަށް ސެޓްލްމަންޓް އެގްރީމެންޓެއް އިއްޔެ ހަދައިފި އެވެ.
2014 ވަނައަހަރު ސީލައިފާއި މި މަޝްރޫޢު ހަވާލުކޮށްފައިވާއިރު ސީލައިފާ އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ މަޝްރޫއުގައި ވިއްކާ ފްލެޓުތަކަށް އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ނެގޭނީ މަސައްކަތުގެ 20 އިންސައްތަ ނިމުމުންނެވެ. އެކަމަކު އެއްވެސް މަސައްކަތެއް ނުކޮށް ސީލައިފުން ވަނީ 203 މީހުންގެ އަތުން ބުކިން ފީގެއް ގޮތުގައި ބޮލަކަށް 50،000 ރުފިޔާ އަތުލާފަ އެވެ.
ހުޅުމާލޭގައި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބަޔެއްގެ އަތުން ފައިސާ ނަގައިގެން އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މިހާރު ދިރިއުޅެމުން ގެންދަނީ ސްރީލަންކާގަ އެވެ.
ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އެޕާޓްމެންޓްތަކެއް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރު ހަދައިގެން ފައިސާ ނެގި ކަމަށް ބުނާ މައްސަލާގައި އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް ދިވެހި ފުލުހުން އެދިގެން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ވެސް ވަނީ ނެރެފަ އެވެ.
ސީލައިފުން ފައިސާ ނެގި މައްސަލަ ސިވިލް ކޯޓަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުންގެ އިދާރާއަށް ވެސް ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށްވެސް މިމައްސަލަ ވަނީ ހުށަހަަޅާފަ އެވެ.
މިމައްސަލާގައި 203 މީހަކު ދައުވާކުރަނީ ސީލައިފް ކުންފުނީގެ މައްޗަށާއި އެކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށާއި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށާއި އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައްޗަށެވެ.
ސިވިލް ކޯޓަށް މިމައްސަލަ ހުށަހަޅާފައިވާއިރު މިމައްސަލަ މިހާރު އޮތީ ސިވިލް ކޯޓުގެ މަޝްވަރާ މަރުހަލާގަ އެވެ. އަދި މިމައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުންނެވެ.
މިމައްސަލާގައި ގެއްލުން ލިބުނު ފަރާތްތަކަށް ވަކާާލާތުކޮށްދެއްވާ އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލެއް ކަމަށްވާ މަރިޔަމް ޝުނާނާ ވިދާޅުވީ މިމައްސަލާގައި ގެއްލުން ލިބުނު ގިނަ އާއިލާތަކެއް ހާލުގައި ޖެހިފައިވާ އިރު، އިންސާފު ނުލިބި ލަސްވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
ޝުނާނާ ވިދާޅުވީ އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސީލައިފުން ފްލެޓު އަޅައިދޭނެ ކަމަށް ބުނި ބިން އެހެން ބަޔަކަށް ދީފާނެކަމުގެ ބިރު އޮތުން ކަމަށެވެ. އެމައްސަލައަށް އަވަސްހައްލެއް ހޯދައިދެއްވުމަށް ސަރުކާރުންވެސް މަސައްކަތް ކުރަމުންގެންދާކަން ޝުނާނާ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިމައްސަލާގައި އިންސާފު ލިބުން އަވަސްކޮށްދިނުމަށް އެދި ގިނަ ބަޔަކު ވަނީ މިދިޔަ ހަފްތާ ހުޅުމާލޭގައި ހިނގާލުމެއްވެސް ބާއްވާފަ އެވެ. މިހިނގާލުމުގެ ބައިވެރިން ވަނީ ސީލައިފްއިން ފްލެޓް އަޅައިދޭނެ ކަމަށް ބުނި ބިމުގައި ބެނާތައް ދަމާފަ އެވެ.
ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އިމާރާތްކުރަން ބުނި އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނަށް އެކުންފުނިން ދޭންޖެހޭ ފައިސާގެ އަދަދު 20 މލިއަނަށް ވުރެ މައްޗަށް އަަރައެވެ.

