ބޭރުދުނިޔެ

ލުބުނާނާ އިސްރާއީލާ ދެމެދު ރޭވެސް ވައިގެ ވަރުގަދަ ހަމަލާތަކެއް

ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ހިޒްބުالله އިން އިސްރާއީލަށް ދިން އެންމެ ވަރުގަދަ ރޮކެޓް ހަމަލާތައް އިއްޔެ ދީފައިވަނިކޮށް ރޭ އަނެއްކާވެސް އިސްރާއީލުންވަނީ ލުބުނާންގެ ދެކުނުގެ ސަރަޙައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ހަމައެއާއެކު މެދުއިރުމަތީގެ ޙާލަތުވަނީ އިހުނަށްވުރެ ވެސް ގޯސްވެފައެވެ.

އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ބުނެފައިވާ ގޮތުގައި އެމީހުން ވަނީ ހޮނިހިރު ދުވަހު ދެކުނު ލުބުނާނުގައިވާ ސަތޭކަ އެތައް ތަނަކަށް ވައިގެ ހަމަލާ ދީފައެވެ. މިއާއެކު، ހިޒްބުﷲއިން ވަނީ ޣައްޒާގެ ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލުގެ އެންމެ އެތެރެއަށް ދިން މިސައިލް ހަމަލާތައް އިއްޔެ ދީފައެވެ. މި ކަންކަމުގެ ސަބަބުން މި ސަރަޙައްދުގެ ހަނގުރާމަ އިތުރަށް ފުޅާވެދާނެކަމުގެ ބިރު އުފެދިފައިވެއެވެ.

އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނެފައިވަނީ ހޮނިހިރު ދުވަހުގެރޭ ދެ ފަހަރެއްގެ މަތިން ހަމަލާ ދީފައިވާ ކަމަށެވެ. ފުރަތަމަ ހަމަލާގައި 290 ތަނަކަށް އަމާޒުކުރި ކަމަށާއި ދެވަނަ ހަމަލާގައި 110 ތަނަކަށް އަމާޒުކުރި ކަމަށް އައިޑީއެފްއިން ބުނެފައިވެއެވެ. މި ހަމަލާތައް ދިން ވަގުތު، ހިޒްބުﷲގެ ރޮކެޓް ހަމަލާގެ ސަބަބުން އުތުރު އިސްރާއީލުގެ އެތައް ރަށެއްގައި ސައިރަން އަޑު އިވުނު ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ލުބުނާނުން އިސްރާއީލަށް ގާތްގަނޑަކަށް 10 ރޮކެޓް ފޮނުވާލި ކަމަށް ބެލެވޭ ކަމަށާއި މީގެ ގިނަ ރޮކެޓްތައް އިންޓަސެޕްޓްކުރެވުނު ކަމަށް އައިޑީއެފްއިން ބުނެފައިވެއެވެ. އިސްރާއީލުގެ ކުއްލި ނުރައްކަލުގެ މެޑިކަލް ޚިދުމަތްދޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ދަށު ގެލީލީގެ ރަށެއްގައި އިންޓަސެޕްޓްކުރި މިސައިލެއްގެ ބައިތައް މީހުން އުޅޭ ސަރަޙައްދަކަށް ވެއްޓުމާއި ގުޅިގެން އެކަކަށް އަނިޔާ ވެފައިވެއެވެ.
ހިޒްބުﷲއިން އާދީއްތަ ދުވަހުގެ ފަތިހު އެމީހުންގެ ޓެލެގްރާމް ޗެނަލްގައި ޕޯސްޓްކޮށްފައިވަނީ އިސްރާއީލުން ލުބުނާނަށް ތަކުރާރު ކޮށް ދެމުންދާ ހަމަލާތަކަށް ޖަވާބުދިނުމުގެ ގޮތުން ހައިފާ ކައިރީގައިވާ އިސްރާއީލުގެ ރަމަތް ޑޭވިޑް އެއަރބޭސްއަށް އެތައް މިސައިލެއް ފޮނުވާލައިފައިވާނެ ކަމަށެވެ.
މި އެއަރބޭސްއަކީ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނީއްސުރެ ހިޒްބުﷲއިން އިސްރާއީލްގެ އެންމެ އެތެރެއަށް ހަމަލާތައް އަމާޒުކުރި ތަނެވެ. މިއީ ލުބުނާން-އިސްރާއީލު ބޯޑަރުން ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް ބުދަ ދުވަހު ރަމަތް ޑޭވިޑް އެއަރބޭސްގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ހިނގަމުންދާ ހަނގުރާމަ “އައު މަރުޙަލާއަކަށް” ވަދެފައިވާ ކަމަށެވެ. އަދި މި ސަރަޙައްދުގައި އިސްރާއީލުގެ މޮސާދު އިންޓެލިޖެންސް އޭޖެންސީ ހޯދި “ފާހަގަކުރެވޭ ކާމިޔާބީތައް” އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މި ވާހަކަތައް ދެއްކެވީ ލުބުނާނުގައި ހިޒްބުﷲގެ މެންބަރުން ގެންގުޅޭ ވޯކީ-ޓޯކީތަކަކަށް ހަމަލާދިނުމަށްފަހު ދެތިން ގަޑިއިރު ފަހުންނެވެ. ބުދަ ދުވަހުގެ މި ހަމަލާއާއި އޭގެ ކުރިން ޕޭޖަރުތަކަށް ދިން ހަމަލާގައި 42 މީހުން ޝަހީދުވެ، 3,000 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. މި ހަމަލާތައް ދިނީ އިސްރާއީލުން ކަމަށް ބެލެވެއެވެ، އެހެންނަމަވެސް އިސްރާއީލުން އަދި މިކަމުގެ ޒިންމާ ރަސްމީކޮށް އުފުލާފައެއް ނުވެއެވެ.
ބެއިރޫތުގެ ގިނަ އާބާދީއެއް ދިރިއުޅޭ ސަރަޙައްދަކަށް ހުކުރު ދުވަހު އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި 37 މީހުންގެ ތެރޭގައި ތިން ކުޑަކުދިންނާއި ހަތް އަންހެނުން ހިމެނޭ ކަމަށް ލުބުނާނުގެ އިދާރާތަކުން ބުނެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ހިޒްބުﷲގެ އެންމެ އިސް ވެރިއަކަށް ކަމަށް ބެލެވެއެވެ.
އެމެރިކާ އަދި އދ. ގެ އިސް ފަރާތްތަކުން ވަނީ ކަންކަން އިތުރަށް ގޯސްނުކުރުމަށް އިންޒާރު ދީފައެވެ. އެއާރ ފްރާންސް، ޓާކިޝް އެއަރލައިންސް އަދި އެޖިއަން ފަދަ އެއަރލައިންތަކުން ބެއިރޫތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައިވުމުން މި ސަރަޙައްދު ފުރިހަމަ ހަނގުރާމައަކާ ވަރަށް ކައިރިވެފައިވާކަން އިހްސާސްވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close