އިންޑިއާގެ އާ ނައިބު ރައީސް ކަމަށް ހުޅަނގު ބެންގަލްގެ ކުރީގެ ގަވަރުނަރު އިންތިޚާބުވެއްޖެ
ނިއުދިއްލީ – އިންޑިއާގެ އާ ނައިބު ރައީސް ކަމަށް ހުޅަނގު ބެންގަލްގެ ކުރީގެ ގަވަރުނަރު ޖަގްދީޕް ދަންޚާރު ހޮނިހިރު ދުވަހު ހޮވިއްޖެ އެވެ. އޭނާ އަށް 528 ވޯޓް ލިބިވަޑައިގެންނެވީ 182 ވޯޓް ލިބުނު އިދިކޮޅު ކެންޑިޑޭޓް މާގަރެޓް އަލްވާއާ ދެކޮޅަށެވެ.
އިންޑިއާގެ16 ވަނަ ނައިބު ރައީސް އިންތިޚާބުގެ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އުޓްޕަލް ކުމާރު ސިންގް ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 780 މެމްބަރުންގެ ތެރެއިން 725 މެމްބަރުން ވޯޓު ދެއްވާފައިވާ ކަމަށެވެ. އަދި 15 ވޯޓް ބާތިލްކަމަށް ކަނޑައެޅިއިރު، މިއިންތިޚާބުގެ ސައްޙަ ވޯޓްގެ އަދަދަކީ 710 ވޯޓް ކަމަށް އޭނާ ވިދާޅުވިއެވެ.
އާ ނައިބު ރައީސް އިންތިހާބު ކުރުމަށް މިއަދު ހެނދުނު 10 ޖަހާއިރު ވޯޓުލުން ފެށިއިރު ހަވީރު 5 ޖަހާއިރު ވަނީ ނިންމާލާފަ އެވެ. ވޯޓު ގުނަން ފެށީ ހަވީރު ހައެއް ޖެހި ފަހުންނެވެ.
ފުރަތަމަ ވޯޓު ދެއްވި ލީޑަރުންގެ ތެރޭގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިމެނިވަޑައިގަންނަވަ އެވެ. ޔޫނިއަން މިނިސްޓަރުން ކަމަށްވާ އަމިތު ޝާހާއި ރާޖްނާތު ސިންގް އަދި ބީޖޭޕީގެ ރައީސް ޖޭޕީ ނައްޑާ ވެސް ވަނީ ވޯޓު ދެއްވާފަ އެވެ. ޑރ މަންމޯހަން ސިންގް ވޯޓް ލެއްވުމަށްޓަކައި ވަޑައިގެންނެވީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ. މަޖިލީހުގެ އެހެން މެމްބަރުންގެ އިތުރުން ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވެސް ވަނީ ވޯޓް ދެއްވާފަ އެވެ.
މިހާރުގެ ނައިބު ރައީސް އެމް ވެންކައިޔާ ނައިދޫގެ ދައުރު ނިމޭތާ އެއް ދުވަސް ފަހުން އައު ނައިބު ރައީސް ހުވާ ކުރައްވާނީ 11 އޮގަސްޓްގަ އެވެ.



