ބޭރުދުނިޔެ

30 އަހަރުގެ ތެރޭގައި 5 ލައްކައަށްވުރެ ގިނަ ރޯދަވީއްލުން ފޯރުކޮށްދީފި

ސައުދީ އަރަބިއްޔާގެ ރިޔާޒްގައި ހިންގާ ރޯދަވީއްލުމުގެ މަޝްރޫއަކުން، ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި 5 ލައްކައަށްވުރެ ގިނަ މީހުންނަށް ރޯދަވީއްލުން ފޯރުކޮށްދީފައިވާ ކަމަށް ސައުދީ ޕްރެސް އެޖެންސީ (SPA) އިން ބުދަ ދުވަހު ރިޕޯޓުކޮށްފިއެވެ.

ރިޔާޒް އަލް-ޚަބްރާގައި ހުންނަ ‘އެސޯސިއޭޝަން ފޯ ދައުވާ، ގައިޑަންސް އެންޑް ކޮމިއުނިޓީ އެވެއާނަސް’ އިން ކުރިއަށްގެންދާ މި މަޝްރޫއަކީ އެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނާއި ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ. ރޯދަވީއްލާ ތަންތަން ތަރުތީބުކުރުމާއި، ކާބޯތަކެތި ތައްޔާރުކުރުމާއި، ބެހުމުގެ ކަންކަން ބެލެހެއްޓުމުގައި 200 އަށްވުރެ ގިނަ ވޮލަންޓިއަރުން އަމަލީގޮތުން ބައިވެރިވެއެވެ.

މި އަހަރުގެ މިހާތަނަށް އެކަނިވެސް މި ޕްރޮގްރާމްގެ ދަށުން 4,200 އަށްވުރެ ގިނަ މީހުންނަށް ވަނީ ރޯދަވީއްލުން ފޯރުކޮށްދީފައެވެ.

އެ ޖަމިއްޔާގެ ބޯޑުގެ ނައިބު ރައީސް އުމަރު އަލް-އައުރަޖް އެސް.ޕީ.އޭ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ހަމައެކަނި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތެއް ނޫން ކަމަށެވެ. ރޯދަވީއްލުމުގެ ކުރިން، ރަމަޟާން މަހުގެ މާތްކަމާއި، ރޯދައިގެ މުހިންމުކަމާއި، އަޅުކަމާއި ހެޔޮ އަމަލުތަކުގައި މި މާތް މަސް ހޭދަކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ތަފާތު ބަސްބަހުން ކުރު ދަރުސްތައް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއަކީ ތަފާތު ސަގާފަތްތަކުގެ މީހުންގެ މެދުގައި އިސްލާމީ ރިތި އުސޫލުތަކާއި މަތިވެރި އަގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށްދާތީ އުމަރު އަލް-އައުރަޖް މާތްﷲ އަށް ހަމްދުކުރައްވައި، އެހީތެރިކަން ފޯރުކޮށްދޭ ދީލަތި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ ދީނީ ދައުވަތު ފޯރުކޮށްދިނުމާއި، އިރުޝާދު ދިނުމުގެ އިތުރުން އިންސާނިއްޔަތަށް އެހީވުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close