ބޭރުދުނިޔެ

ބްރެޒިލްގެ ފަނޑިޔާރަކު އީލޮން މަސްކްގެ އެކައުންޓްތަކުން 3 މިލިއަން ޔޫރޯ އުނިކޮށްފި

ބްރެޒިލްގެ ފަނޑިޔާރަކު އީލޮން މަސްކްގެ އެކްސް އަދި ސްޓާލިންކް އެކައުންޓްތަކުން 3 މިލިއަން ޔޫރޯ އުނިކޮށްފިއެވެ.

ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމުގައިވާ އަލެކްސާންޑްރޭ ޑި މޮރާއިސް، ޓެކް ބިލިއަނަރު އީލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އަދި ސެޓެލައިޓް އިންޓަނެޓް ސަރވިސް ޕްރޮވައިޑަރ ސްޓާލިންކްގެ ބޭންކް އެކައުންޓްތަކުން ގާތްގަނޑަކަށް 3.3 މިލިއަން ޑޮލަރު (2.9 މިލިއަން ޔޫރޯ) އުނިކުރީ ހުކުރު ދުވަހުއެވެ.

މި ފިޔަވަޅު އެޅުމުގެ މަޤްޞަދަކީ އެކްސް އިން ބްރެޒިލްއަށް ދައްކަންޖެހޭ ޖޫރިމަނާތަކަށް ފައިސާ ހޯދުމެވެ. އެހެންނަމަވެސް، މި ދެ ކުންފުނީގެ ބޭންކް އެކައުންޓްތައް މިހާރު ވަނީ އަނބުރާ ހުޅުވާލާފައެވެ.
ޤާނޫނީ ތަޙްލީލުކުރާ ފަރާތްތަކުން ވަނީ އެކްސްއާ ގުޅުންހުރި މައްސަލަތަކަށް ފައިސާ ދެއްކުމަށް ސްޓާލިންކްގެ ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ކުރީގެ ނިންމުމާމެދު ސުވާލު އުފައްދާފައެވެ. މަސްކް އެކްސް އަދި ސްޓާލިންކް ހިންގާ ސްޕޭސްއެކްސް ގެ ވެރިފަރާތް ކަމުގައިވީ ނަމަވެސް، މި ދެ ކުންފުންޏަކީ ވަކި ދެ ކުންފުންޏެވެ.
ބްރެޒިލްގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑި މޮރާއިސް ވަނީ އެކްސްގެ ބޭންކް އެކައުންޓަކުން 7.2 މިލިއަން ބްރެޒިލިއަން ރެއިސް (1.17 މިލިއަން ޔޫރޯ) އަދި ސްޓާލިންކްގެ އެކައުންޓަކުން 11 މިލިއަން ބްރެޒިލިއަން ރެއިސް (1.8 މިލިއަން ޔޫރޯ) ޓްރާންސްފަރ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޑި މޮރާއިސް މި ނިންމުން ނިންމީ ބުދަ ދުވަހު ކަމަށް ބްރެޒިލްގެ ސުޕްރީމް ކޯޓުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅޭ އޭނާގެ ނިންމުން އަދި މުޅިން ޢާންމުކޮށްފައެއް ނުވެއެވެ.

އެކްސް އަކީ ބްރެޒިލްގައި ސުޕްރީމް ކޯޓުން ޤާނޫނީ ގޮތުން ނުބައި ކަމަށް ފާހަގަކޮށްފައިވާ ކޮންޓެންޓް ނައްތާނުލުމުގެ ސަބަބުން ފާޑުކިޔުމާ ކުރިމަތިވެފައިވާ ޕްލެޓްފޯމެކެވެ. އަދި ބްރެޒިލްގައި ކުންފުނީގެ ޤާނޫނީ ބަދަލުވެރިއަކު ނުބެހެއްޓުމަށް މަސްކް ނިންމުމުން، އެއީ އެ ޤައުމުގެ ޤާނޫނާ ޚިލާފު ކަމެއް ކަމަށްވާތީ، ޑި މޮރާއިސް ވަނީ ބްރެޒިލްގައި އެކްސް ހުއްޓުވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close