ބޭރުދުނިޔެ

ކަޝްމީރުގައި ފުރަތަމަ ފަހަރަށް އިންތިޚާބެއް ބާއްވަނީ

އިންޑިއާގެ ޖަމްމޫ އަދި ކަޝްމީރުގެ ޚާއްޞަ ހައިސިއްޔަތު އުވާލައި، އެ ސަރަޙައްދު ދެ ޔޫނިއަން ޓެރިޓަރީއަކަށް ބަހާލުމަށްފަހު ފުރަތަމަ ފަހަރަށް އެ ސަރަޙައްދުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިންޑިއާއިން މިއަދު އިޢުލާންކޮށްފިއެވެ.
އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު ރަޖީވް ކުމާރު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ޖަމްމޫ އަދި ކަޝްމީރުގެ 90 ގޮނޑީގެ އިންތިޚާބު ތިން މަރުޙަލާއެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވޯޓު ގުނުން އޮކްޓޯބަރު 4 ގައި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުރަތަމަ މަރުޙަލާ ސެޕްޓެމްބަރު 18 ގައި ފެށި، ދެވަނަ މަރުޙަލާ ސެޕްޓެމްބަރު 25 ގައި ބޭއްވުމަށްފަހު، އެންމެ ފަހު މަރުޙަލާ އޮކްޓޯބަރު 1 ގައި ނިންމާލެވޭނެ ކަމަށް ކުމާރު ވިދާޅުވިއެވެ.
90 ގޮނޑީގެ ތެރެއިން 74 ގޮނޑި އާންމު ގޮނޑިތަކެއްގެ ގޮތުގައި ހަމަޖެހިފައިވާއިރު، ބާކީ ގޮނޑިތަކަކީ ރިޒާވް ކުރެވިފައިވާ ގޮނޑިތަކެއް ކަމަށް ކުމާރު ވިދާޅުވިއެވެ. އަދި މުޅި ސަރަޙައްދުގައި 9،169 ތަނެއްގައި 12،000 ވޯޓުފޮށި ބެހެއްޓޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖަމްމޫ އަދި ކަޝްމީރުގެ އެންމެ ފަހުގެ އިންތިޚާބު ބޭއްވިފައިވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު-ޑިސެމްބަރު މަހުގައެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ޖޫން 19 އިން ފެށިގެން އެ ސަރަޙައްދު ވަނީ ނިއު ދިއްލީގެ ސީދާ ވެރިކަމުގެ ދަށުގައެވެ. އެއީ އޭރުގެ ވެރިކަމުގައި ހިމެނޭ ބަހާރަތީޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ކޯލިޝަނުން ވަކިވުމާ ގުޅިގެން ސަރުކާރު ވެއްޓުނު ފަހުންނެވެ.
2019 ވަނަ އަހަރުގެ އޯގަސްޓު 5 ގައި އިންޑިއާގެ ޤާނޫނު އަސާސީގެ 370 އަދި 35އޭ މާއްދާގެ ދަށުން ޖަމްމޫ އަދި ކަޝްމީރަށް ލިބިފައިވާ ޚާއްޞަ ހައިސިއްޔަތު އުވާލުމަށްފަހު، އެ ސަރަޙައްދު ދެ ޔޫނިއަން ޓެރިޓަރީއަކަށް ބަހާލެވުނެވެ. އެއީ ޖަމްމޫ އަދި ކަޝްމީރު، އަދި ލަދާޚްއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޗައިނާއާ ސަރަޙައްދީ ގޮތުން ގުޅިފައިވާ ލަދާޚްގައި ގާނޫނު ހަދާ މަޖިލީހެއް ނެތްކަމެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close