ޣައްޒާގެ ޚާން ޔޫނިސްގެ އިރުމަތީ ސަރަޙައްދުން ފަލަސްތީނު މީހުން ފޭބުމަށް އިސްރާއީލުން އަމުރުކޮށްފި

ޣައްޒާގެ ޚާން ޔޫނިސް ސިޓީގެ އިރުމަތީ ސަރަހައްދުން ފަލަސްތީނުގެ ރައްޔިތުން ނެރުމަށް އިސްރާއީލުގެ ސިފައިންގެ ފަރާތުން އަމުރުކޮށްފިއެވެ. މި އަމުރާއެކު، އިސްރާއީލުގެ ސިފައިން އަލުން އެ ސަރަހައްދަށް ވަދެފާނެކަމުގެ ބިރުވެރިކަން އުފެދިފައިވެއެވެ.
މިއަހަރުގެ ކުރީކޮޅު ޚާން ޔޫނިސް ސިޓީއަށް އިސްރާއީލުން ދިގު މުއްދަތަކަށް ހަމަލާދީ، އެތައް ގެދޮރެއް ހަލާކުކޮށްލި ނަމަވެސް، ރަފާ ސިޓީއަށް އިސްރާއީލުން ދޭ ހަމަލާތަކުން ސަލާމަތްވުމަށް ގިނަ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުން ވަނީ ޚާން ޔޫނިސްއަށް އަނބުރާ ގޮސްފައެވެ.
އިސްރާއީލުގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، ޚާން ޔޫނިސް ސަރަހައްދުން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައިވެއެވެ. އިސްލާމިކް ޖިހާދުން ވެސް ބުނެފައިވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
މީގެ އިތުރުން، ޣައްޒާގެ މައި ހޮސްޕިޓަލް، އަލް ޝިފާގެ ޑިރެކްޓަރ މުހައްމަދު އަބޫ ސަލްމިއާ 7 މަސްދުވަހު ބަންދުކުރުމަށްފަހު މިނިވަންކޮށްފައިވެއެވެ. އޭނާ ބުނެފައިވަނީ ބަންދުގައި ހުރި މުއްދަތުގައި އަނިޔާކޮށް އެކި ބާވަތުގެ ޓޯޗަރ ދީފައިވާ ކަމަށެވެ.
އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 37,900 ފަލަސްތީނުގެ ރައްޔިތުން މަރުވެފައިވާ ކަމަށާއި، 87,000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ.


