ބޭރުދުނިޔެ

ކާނާއާއި ބޯފެން ނުލިބި ޣައްޒާގައި އިތުރު 2 ކުއްޖެއްގެ ފުރާނަ ގެއްލިއްޖެ

ފަލަސްތީނުގެ ޣައްޒާގައި ބޯފެނާއި ކާނާގެ ދަތިކަން ކުރިމަތިވެ، ބަނޑުހައިހޫނުކަމާ ހުރެ، އިތުރު ދެ ކުޑަކުއްޖެއްގެ ފުރާނަ ގެއްލިއްޖެއެވެ.

މިދެކުދިންނާއެކު، ޣައްޒާ އިން ބަނޑުހައި ހޫނުކަމުގައި ފުރާނަ ގެއްލުނު ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ 27 އަށް އަރައިފައެވެ. އޭގެ ތެރޭގައި ގިނައީ ވެސް ކުޑަކުދިންނެވެ.

ފަލަސްތީނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ދެކުދިންގެ ފުރާނަ ގެއްލިފައިވަނީ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލްގައެވެ. އެ ކުދިން ޝަހީދުވީ ބޯނެ ފެން ފޮދެއް އަދި ކާނެ އެއްޗެއް ނުލިބި ބަނޑުހައިހޫނުކަމުގެ ތެރޭގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާގެ އުތުރުގައި ބަނޑުހައިހޫނު ކަމުގެ ތެރޭގައި އުޅޭ މީހުންގެ އަދަދު އިންތިހާ އަށް ވަނީ އިތުރުވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ކޮންމެ ހަ ކުޑަކުދިންގެ ތެރެއިން އެއް ކުއްޖަކު ހުރީ ބަނޑުހައި ހޫނު ކަމުގެ ތެރޭގައެވެ.
ޣައްޒާގެ އުތުރުގައި ތިބި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 31،000 އަށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

‎އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ގެދޮރު ގެއްލިފައިވާއިރު، ‎‎ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ފަރުވާ ކުރެވޭނެގޮތެއްވެއް ޣައްޒާގައި މިހާރުނެތެވެ. ޣައްޒާގެ އިންފްރާސްޓްރަކްޗަރގެ 60 ‎‎އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.‎

‎ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ‎‎ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ‎‎ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.‎

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close