ބޭރުދުނިޔެ

ފަލަސްތީނުގެ ކިޔަވާ ކުދިންނަށް އަމާޒުކޮށް އިސްރާއީލު ސިފައިން ކަރުނަގޭސް ޖަހައިފި

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި، ޔަހޫދީ ވަޒަންވެރިން ސްކޫލަށް ވަންނަ މަގު ބަންދުކުރުމާ ގުޅިގެން ފަލަސްތީނުގެ ކިޔަވާ ކުދިން ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖަކަށް އަމާޒުކޮށް އިސްރާއީލު ސިފައިން ކަރުނަގޭސް ޖަހާފައިވާ މަންޒަރު އޭ.އެފް.ޕީގެ ފޫޓޭޖްތަކުން ފެނިއްޖެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އޭ.އެފް.ޕީއަށް މައުލޫމާތު ދެމުން، އެ ސަރަހައްދުގައި އޮތް “އާދަޔާ ހިލާފު އެއްވުމެއް” ރޫޅާލި ކަމަށް އެއްބަސްވި ނަމަވެސް، އީރާން ހަނގުރާމަ ފެށުނު ފަހުން ސްކޫލްތައް ހުޅުވި ފުރަތަމަ ދުވަހު ކުޑަކުދިންނަށް އަމާޒުކޮށް ކަރުނަގޭސް ޖެހިކަމަކަށް ސީދާ ބުނެފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ މަސާފަރު ޔައްތާ ސަރަހައްދުގެ ކުޑަ އަވަށެއް ކަމަށްވާ އުއްމުލް ޚައިރުގައެވެ. ފެބުރުވަރީ 28 ގައި މެދުއިރުމަތީގައި ހަނގުރާމަ ފެށުމާ ގުޅިގެން ކިޔެވުން މެދުކަނޑާލާފައި އޮތުމަށްފަހު، 40 އަށްވުރެ ގިނަ ދުވަސް ފަހުން އެ ކުދިން ސްކޫލަށް ދިއުމަށް ހަމަޖެހިފައި އޮތީ މިއަދުއެވެ.

އޭ.އެފް.ޕީގެ ރިޕޯޓަރު ބުނި ގޮތުގައި، ސްކޫލަށް ވަދެވޭ މަގު ބަންދުވާ ގޮތަށް ޔަހޫދީ ވަޒަންވެރިން ޖަހާފައިވާ ކަށިނަރު ފެންސެއްގެ ކައިރިއަށް ކިޔަވާ ކުދިންނާއި ބައެއް އާންމުން އެއްވިއެވެ. ސްކޫލަށް ވަނުމުގެ ހައްގަށް އެދި އެ ކުދިން ހާމަ މައިދާނެއްގައި ކިޔަވަން ތިއްބައި، އިސްރާއީލު ސިފައިން ވަނީ އެމީހުންނަށް އަމާޒުކޮށް ކަރުނަގޭސް އުކާފައެވެ.

“އަހަރެމެން އިށީނދެގެން ތިއްބާ އެމީހުން އަހަރެމެންނާ ދިމާއަށް ކަރުނަގޭސް ގްރެނޭޑެއް އުކާލި. އަހަރެން ވަރަށް ބިރުގަތް، އަދި ހަޅޭއްލަވަމުން ދުއްވައިގަނެވުނު،” 12 އަހަރުގެ ސާރާ އަލް-ހަތަލީން އޭ.އެފް.ޕީއަށް ކިޔައިދިނެވެ. “އަހަރެންނަށް ރޮވުނު. އަންހެނަކު އަހަރެންގެ ގައިގައި ބައްދާލައިގެން ހުރި. އަހަރެމެން ތިބީ ވަރަށް ބިރުން.”

މަސާފަރު ޔައްތާ ސަރަހައްދުގެ ތައުލީމާބެހޭ އިސްވެރިޔާ ބައްސާމް ޖަބްރު ވިދާޅުވި ގޮތުގައި، ކުދިން އެވަގުތު ތިބީ ސުލްހަވެރިކަމާއެކު އިށީނދެގެންނެވެ. “ޔަހޫދީ ވަޒަންވެރިން މަސައްކަތް ކުރަނީ ކޮންމެ ގޮތަކުން ނަމަވެސް އަހަރެމެންގެ ކަރުގައި މަޅި ބާރުކުރުމަށް. އޭގެ އެއްގޮތަކީ ކުދިން ސްކޫލަށް ދާ މަގު ބަންދުކޮށް، ޔަހޫދީ އާބާދީތައް ފުޅާކުރުން،” ކައިރީގައި އޮންނަ ކާމަލް އާބާދީގެ ޔަހޫދީންނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ ސަރަހައްދަށް ސިފައިން ފޮނުވީ ފަލަސްތީނު މީހުންގެ އާދަޔާ ހިލާފު އެއްވުމެއްގެ ރިޕޯޓް ލިބިގެން ކަމަށެވެ. އަދި އެ އެއްވުން ރޫޅާލާފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ބުންޏެވެ. ނަމަވެސް އޭ.އެފް.ޕީގެ ވީޑިއޯތަކުން ފެންނަނީ ކަރުނަގޭސް ޖެހުމުން ކުދިން ބިރުން ހަޅޭއްލަވަމުން ދުވާ މަންޒަރެވެ.

“ރޭގައި އަހަރެމެން ތިބީ މިއަދު ސްކޫލަށް ދެވޭތީ ވަރަށް އުފަލުން. އެކަމަކު އިސްރާއީލު މީހުން އައިސް ކަށިނަރު ޖަހައި މަގު ބަންދުކުރީ. އަހަރެމެން ބޭނުމީ އަލުން ސްކޫލަށް ދާން،” 11 އަހަރުގެ ރާޝިދު އަލް-ހަތަލީން ބުންޏެވެ.

މަސާފަރު ޔައްތާ ސަރަހައްދަކީ ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަމާއި ފަލަސްތީނު މީހުންގެ ގެދޮރު ތަޅާލުމުގެ ހާދިސާތައް އާންމުކޮށް ހިނގާ ސަރަހައްދެކެވެ. 2025 ވަނަ އަހަރުގެ އޯގަސްޓް މަހު ފަލަސްތީނުގެ އެކްޓިވިސްޓް އަައުދާ ހަތަލީން ޝަހީދުކޮށްލާފައިވަނީވެސް މި އަވަށުގައެވެ.

އިރުމަތީ ގުދުސް ނުހިމެނޭހެން، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހުޅަނގު އައްސޭރީގައި ބިނާކޮށްފައިވާ އާބާދީތަކުގައި 5 ލައްކައަށްވުރެ ގިނަ ޔަހޫދީން ދިރިއުޅެމުންދާއިރު، އެ ސަރަހައްދުގައި 3 މިލިއަނެއްހާ ފަލަސްތީނު މީހުން ދިރިއުޅެއެވެ. އިސްރާއީލުން ހުޅަނގު އައްސޭރި ހިފާފައިވަނީ 1967 ވަނަ އަހަރުން ފެށިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close