ކުރީގެ ބޮޑުވަޒީރު ހަސީނާއަށް ހަ މަހުގެ ޖަލު ހުކުމެއް

ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ބަނގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ ހަ މަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފިއެވެ.
ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން، އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު އަދި އަމިއްލައަށް އަރުވާލެވިގެން އިންޑިއާގައި ހުންނެވި ޝެއިޚް ޙަސީނާ އަށް މިހުކުމް އިއްވާފައިވާކަން ބައިނަލްއަޤަވާމީ މީޑިއާތަކުން ވަނީ ކަށވަރު ކޮށްދީފައެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މި ޓްރައިބިއުނަލުން މި ޙުކުމް އިއްވާފައިވަނީ ބުދަ ދުވަހު ޙަސީނާގެ ޣައިރު ހާޒިރުގައެވެ. ޓްރައިބިއުނަލްގެ އިސް ފަނޑިޔާރަކީ ޖަސްޓިސް ޣުލާމް މުރުތަޟާ މުޖުމްދަރުއެވެ. ޗީފް ޕްރޮސެކިއުޓަރ މުޙައްމަދު ތާޖުލް އިސްލާމް ވިދާޅުވި ގޮތުގައި، މި ޙުކުމް ތަންފީޒު ކުރަން ފެށޭނީ ޙަސީނާ ހައްޔަރުކުރުމުން ނުވަތަ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ.
މިދިޔަ އޮގަސްޓް މަހު ދަރިވަރުން އިސްވެ ހިންގި ބޮޑު މުޒާހަރާތަކަކާ ގުޅިގެން ވެރިކަން ގެއްލި، އިންޑިއާއަށް ވަޑައިގެންނެވި ޙަސީނާގެ މައްޗަށް ގިނަ ދަޢުވާތަކެއް އުފުލާފައިވެއެވެ. ނަމަވެސް މިއީ އޭނާގެ މައްޗަށް އުފުލާފައިވާ އެއްވެސް މައްސަލައަކުން ރަސްމީ ޙުކުމެއް އައި ފުރަތަމަ ފަހަރެވެ.
މި މައްސަލައިގައި ޙަސީނާގެ އަވާމީ ލީގް ޕާޓީގެ ދަރިވަރުންގެ ގޮފި، ޗަޓްރަ ލީގްގެ އިސްވެރިއެއް ކަމަށްވާ ޝަކީލް އަކަންދު ބުލްބުލް ވެސް ވަނީ ދެ މަސް ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ.
ކޯޓުގެ ހުރުމަތް ކެނޑުމުގެ މި ދަޢުވާ އުފުލާފައިވަނީ، “މިހާރު އަޅުގަނޑުގެ މައްޗަށް 227 މައްސަލަ އެބައޮތް، އެހެންވީމާ 227 މީހުން މަރާލުމުގެ ލައިސަންސް އަޅުގަނޑަށް މިހާރު ލިބިއްޖެ” މިހެން ޙަސީނާ ވިދާޅުވާ ކަމަށް ބުނާ އަޑު އިވޭ އޯޑިއޯ އަކާ ގުޅިގެންނެވެ. ފަހުން ސަރުކާރުން ހެދި ފޮރެންސިކް ތަހުލީލުތަކުން އެ އޯޑިއޯއަކީ އަސްލު އެއްޗެއްކަން ވަނީ ކަށަވަރުވެފައެވެ.
އައިސީޓީ އަކީ 1971 ވަނަ އަހަރު ބަންގްލަދޭޝް މިނިވަންވުމަށް ކުރި ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތައް ބެލުމަށް 2010 ވަނަ އަހަރު ޙަސީނާގެ އަމިއްލަ ސަރުކާރުން އުފެއްދި ޓްރައިބިއުނަލެކެވެ. ނަމަވެސް، ނޯބެލް ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ މުޙައްމަދު ޔޫނުސް އިސްވެ ހުންނަވާ ވަގުތީ ސަރުކާރުން ވަނީ، ޙަސީނާގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ބުނާ އިންސާނީ ހައްގުތަކާ ޚިލާފު ހަމަލާތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މި ޓްރައިބިއުނަލްގެ މަސައްކަތް ބަދަލުކޮށްފައެވެ.
މި ޓްރައިބިއުނަލުން ވަނީ ޙަސީނާ ހައްޔަރުކުރުމުގެ ތިން އަމުރެއް ނެރެފައެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރުގެ ދަރިވަރުންގެ މުޒާހަރާތަކާ ގުޅިގެން ހިންގި އަނިޔާވެރި އަމަލުތަކާ ގުޅުވައިގެން އުފުލާފައިވާ އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގެ ދަޢުވާ ވެސް ހިމެނެއެވެ. ޙަސީނާގެ އަވާމީ ލީގް ޕާޓީ އަކީ މިހާރު މަނާކޮށްފައިވާ ޕާޓީއެއް ނަމަވެސް، އެ ޕާޓީގެ ކުރީގެ އިސްވެރިންގެ މައްޗަށް ޝަރީއަތްތައް ދަނީ ހިނގަމުންނެވެ.
ޙަސީނާގެ ވަކީލުން ބުނާ ގޮތުގައި މިއީ ސިޔާސީ ބޭނުމެއްގައި، އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ހިންގާ ކަންކަމެވެ. ނަމަވެސް، ވަގުތީ ސަރުކާރުން ބުނަނީ، މި ޤާނޫނީ ފިޔަވަޅުތައް އަޅަނީ ޤައުމުގެ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދައި، ވެރިކަން ކުރި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ.


