ޚަބަރު

ޖަމީލަށް އަނިޔާކޮށްފައިވާ ކަމަށް ނުބެލެވޭ: ފުލުހުން

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނިޔާވި ށ. ފުނަދޫ ޒަމާނީވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލްގެ މަރަށް ބަލާއިރު، އޭނާއަށް އެއްވެސް ފަރާތެއްގެ ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމަށް ނުބެލެވޭކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ ވިދާޅުވީ، އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިއުމުން ފޮރެންސިކް އަދި ތަހުގީގު ފުލުހުން ގޮސް މައުލޫމާތު ސާފުކުރި ކަމަށެވެ.

އޭނާގެ ހަށިގަނޑު ބެލި ބެލުމުން ހަށިގަނޑުގައި ނިޝާންތަކެއް ހުރިނަމަވެސް، އޭނާއަށް ޖިސްމާނީ ގޮތުން މީހަކު އަނިޔާއެއް ދީފައިވާކަމަށް ނުބެލެވޭކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، އޭނާގެ ގޮޅިއަށް ގޮސް ހޯދި މައުލޫމާތުން، އޭނާ ސަޖިދައަށް ގޮސް އޮތުމުގައި އެއްވެސް ޙަރަކާތެއް ނެތި އޮއްވައި ފެނުނު ކަމަށާއި، އޭނާގެ އަނގައާއި ނޭފަތުން ފޮނު ޒާތުގެ އެއްޗެއް ބޭރުވެފައި ހުރިކަަން ފާހަގަވި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

“އެއްވެސް ފަރާތެއްގެ ޖިސްމާނީ އަދި ފައުލް ޕްލޭއެއް އޮތްކަމަށް އަޅުގަނޑުމެންނަށް ޤަބޫލެއް ނުކުރެވޭ.”

ފުލުހުންގެ ޕްރެސްގައި ވިދާޅުވިއެވެ.

މިހިނދަށް ސާފުކުރި މައުލޫމާތަށް ބަލާއިރު، އެއްވެސް މީހަކު އޭނާއަށް ގޯނާއެއް ކުރިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި، އޭނާ ހުރި ގޮޅީގެ ކެމެރާ ފުޓޭޖުންވެސް އޭނާ ހުރި ގޮޅިއަށް އެރޭ 09:30ން ހެނދުނު 11:34 ގައި ޕްރިޒަން އޮފިސަރުން ވަތް ހިސާބަށްވެސް މީހަކު ވަދެފައި ނުވާކަން ފެނިގެންދާކަން ފުލުހުން ފާހަގަކުރިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ދެއްކި ފުޓޭޖުން ފެންނަ ގޮތުގައި ހެނދުނު 07:45ން ފެށިގެން 11:34 އާ ހިސާބަށް އޭނާ ސަޖިދައިގައި އޮންނަ ގޮތަށް އެއްވެސް ޙަރަކާތެއް ނެތި އޮވެއެވެ.

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނިޔާވި ށ. ފުނަދޫ ޒަމާނީވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލް – ރާއްޖެއެމްވީ
އަދި، އޭނާގެ ސީޓީ ސްކޭނެއްވެސް ހަދާފައިވާކަން ފުލުހުން ފާހަގަކުރިއެވެ. އޭގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ، އެ މައުލޫމާތުތައް ފުލުހުން އާއިލާއާއި، އެޗްއާރްސީއެމް އަދި އެންއައިސީއާވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

އޮޓޮޕްސީ ފަދަ މަރުޙަލާއަކަށް ހަށިގަނޑު ބާއްވަން ޖެހޭ ފަދަ ޙާލަތެއް އޮތްކަމަށް ޤަބޫލު ނުކުރެވޭތީ ހަށިގަނޑު ވަޅު ލުމުގެ ހުއްދަ ދިން ކަމަށާއި، ނަމަވެސް ހަށިގަނޑު އާއިލާއާ ޙަވާލުކުރި ފަހުން އޭނާގެ ފޮޓޯތައް ދައުރުކޮށް، އޭނާއަށް ޖިސްމާނީ ގޮތުން އަނިޔާވެފައިވާކަން ދޭހަވާ ގޮތަށް ފޮޓޯތައް ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން އެ ސަބަބާހުރެ ތަހުގީގަށް އިތުރަށް ކަށަވަރު ކުރަންޖެހޭ ކަންކަން ހުރިކަމަށް ޤަބޫލު ކުރެވޭތީހަށިގަނޑު އޮޓޮޕްސީ ހެދުމަށް ނިންމައި ފުލުހުން ވަނީ އާއިލާއާ މަޝްވަރާ ކުރުމަށް ސަހަރާއަށް ގޮސްފައެވެ. ތަކުރާރުކޮށް އާއިލާއާ ވާހަކަ ދެއްކުމުންވެސް އާއިލާއިން ވަނީ އެމީހުން އޮޓޮޕްސީ ހަދަން ބޭނުން ނުވާކަމަށް ބުނެފައެވެ.

އެންމެ ފަހުން އާއިލާގެ އެދުމާއެކު އޭނާ ވަޅުލުމުގެ ހުއްދަ ދިނީކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭނާއަކީ 12 ޖުލައި 2023ން ފެށިގެން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ފަރާތެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close